Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 15:38
ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިރުފާން ރުޝްދީ - ޕޮލިސް
ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިރުފާން ރުޝްދީ - ޕޮލިސް
ޕޮލިސް
ރިޔާސީ ކޮމިޝަން
އިރުފާންގެ ބަންދަން 15 ދުވަސް ޖަހައިފި
އޭނާ ފެނުނީ ރިޔާސީ ކޮމިޝަނުން އޭނާ ހޯދަން އިއުލާން ކޮށްފައި ވަނިކޮށް
މުއްދަތުޖެހީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން
އޭނާ ހޯދަމުންދަނީ ފާތިރުގެ މަރުގެ މައްސަލައިގައި

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ އިރުފާން ރުޝްދީގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އިރުފާންގެ އިތުރުން އޭނާއާއެކު ހައްޔަރުކުރި އަނެއް ތިން މީހުންގެ ބަންދުގެ މުއްދަތު ވެސް 15 ދަވަހަށް ކޯޓުން ޖަހާދީފައިވާ ކަމަށެވެ. އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައިވަނީ ހޮނިހިރު ދުވަހު، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މ. ކުރިރުއްމަގު، އިރުފާން ރުޝްދީ ހޯދަން އިއުލާން ކޮށްފައިވަނީ، ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައެވެ.

ފުލުހުންގެ އިދާރާއިން ބުނީ ، އޭނާ ފެނުނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ގދ ތިނަދޫ އާއި 15 މޭލު ބޭރުން އޮޔާ ދަނިކޮށް އެމްއެންޑީއެފުން އެހީތެރިވި "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗުގައި ހުއްޓާކަމަށެވެ. ހަތަރު މީހުންނާއި އެކު ޕެޓްރޯލް ހުސްވެ އޮޔާ ދާކަމަށް އެމްއެންޑީއެފާއި ފުލުހުންނަށް މައުލޫމާތު ލިބުމުން ، އެމްއެންޑީއެފް ސްކޮޑް ރަން އިން އެހީތެރިކަން ފޯރުކޮށްދީ ލޯންޗްގެ ވެރި ފަރާތުން ޕެޓްރޯލް ހަމަޖެއްސުމާއެކު، ހޮނިހިރު ދުވަހުގެ ފަތިހު 4:22 ގައި ލޯންޗް ތިނަދޫއަށް ގެންދިޔަކަމަށެވެ.

އެގޮތުން ފުލުހުންނަށް އެ ލޯންޗްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، ލޯންޗްގައި ތިބި ހަތަރު މީހުން ތިނަދު ޕޮލިސްޓޭޝަނަށް ގެނެސް ބެލި ބެލުމުން، އޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި މަރުގެ ކޮމިޝަނުން ހޯދަން އިޢުލާނުކުރި އަދި ފުލުހުން ތިން އަހަރު ވަންދެން ހޯދަމުންދާ އިރުފާން ރުޝްދީ ހުރިކަން އެނގިފައިވާކަމަށެވެ. އެގޮތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މަރުގެ ކޮމިޝަނުން ހުކުރު ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 3 އަހަރު ވެގެންދިޔައިރު މުއައްސަސާތަކަށް އިރުފާން ހޯދިފައި ނުވާކަމަށާއި މީގެކުރިން އިމިގްރޭޝަނުން، 2015 ވަނަ އަހަރު ފާތިރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން އެނބުރި އައިސްފައި ނުވާކަމަށް ބުނެފައިވާކަމަށެވެ.

Advertisement

ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހު މަރުގެ ހާދިސާއެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަކަމަށް މަރުގެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ ގްރޫޕަކުން ސަރުމާގެ އަށް ވަދެ ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާއާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ފާތިރު ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފާތިރު މަރާލުމުގެ ކުރިން އެ ދުވަހުގެ ހަވީރު، މާލޭގައި އިތުރު ކުއްޖަކު ވެސް މަރާލާފައި ވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ދުވަހުގެ ހަވީރު މަރާލި ކ. ކާށިދޫ ރަންފަރު، އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީގެ މަރާ ފާތިރުގެ މަރާ ވަނީ ގުޅިފަ އެވެ. އެގޮތުން އިރުޝާން މަރާލުމުގެ ފާތިރު ބައިވެރިވެފައިވާ ކަމަށާއި ފާތިރު މަރާލާފައިވަނީ އެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އިރުޝާންގެ މަރާލި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރުގެ އޯގަސްޓް މަހު ދައުލަތުން ވަނީ ތިން ކުއްޖެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފަ އެވެ. ފާތިރުގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ފުލުހުން މީގެކުރިން ބުނީ އިރުފާން ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އޭނާ ހޯދައިގަނެވޭ ގޮތް ވެފައިނުވާކަމަށެވެ.

އިރުފާން ފެނިފައި މިވަނީ މަރުގެ ކޮމިޝަނުން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައިވާތާ ދެ ދުވަސް ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް