ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 11:06
އައިއެސް ޖަމާއަތުގެ ލީޑަރު ބަޣްދާދީ
އައިއެސް ޖަމާއަތުގެ ލީޑަރު ބަޣްދާދީ
ފޮކްސް ނިއުސް
އައިސިސް-ބަޣްދާދީ
އައިސިސް ޖަމާއަތުގެ ލީޑަރު މަރާލި ކަމުގެ ޚަބަރު ފެތުރެން ފަށައިފި
ބަޣްދާދީ މަރާލިކަމަށް ބެލެވެނީ އެމެރިކާ ސިފައިން ދިން ޙަމަލާއެއްގައި
އެމެރިކާގެ ޙަމަލާތަކުން ދިފާޢުވުމަށް ބަޣްދާދީ އަމިއްލައަށް މަރުވިކަމަށް މީޑިއާތަކުން ރިޕޯޓްކުރޭ
ބަޣްދާދީ މަރުވި ކަމެއް އަދި ކަށަވަރެއް ނުވޭ

އެމެރިކާ އަސްކަރިއްޔާއިން ސޫރިޔާގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ދަ ލެވާންޓް(އައިސިސް) ގެ ލީޑަރު އަބޫބަކުރު އަލް-ބަޣްދާދީ މަރުވެފައިވާކަމުގެ ޚަބަރު ބައިނަލް އަޤުވާމީ މީޑިއާތަކުން ފަތުރަން ފަށައިފިއެވެ.

ބަޣްދާދި މަރުވެފައިވާކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކުރިނަމަވެސް އަދި މިކަން ކަށަވަރުވެފައެއް ނުވެއެވެ. އެކި މީޑިއާތަކުން ޚަބަރު ފަތުރަމުން ދަނީ ނަން ހާމަކުރަން ބޭނުން ނުވާ އެމެރިކާގެ އަސްކަރީ އޮފިޝަލުންނާއި، ސޫރިޔާ ހަނގުރާމަ ހިނގަމުންދާ ޞަރަޙައްދުތަކުގެ މައި މައިދާންތަކުގައި ޙަރަކާތްތެރިވަމުންދާ އެކި ޖަމާޢަތްތަކާއި، ޢާންމުންގެ މީހުން ދައްކާ ވާހަކައަށް ބުރަވެގެންނެވެ.

ގިނަ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިސްލާމިކް ސްޓޭޓްގެ ލީޑަރު މަރާލާފައިވަނީ އެމެރިކާގެ ލަޝްކަރުތަކުން ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބް ޕްރޮވިންސްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލަކު ނަން ހާމަނުކޮށް ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި ބަޣްދާދީ މަރާލާފައިވަނީ ލިބުނު ޖާސޫސީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެމެރިކާގެ ޑެލްޓާ ފޯރސް އިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

ބަޣްދާދީ މަރުވެފައިވާކަމަށް ގިނަ މީޑިއާތަކުން ބުރަވަނީ، އައިއެސްގެ މައި ޖަގަހަތަކަށް ޢަމާޒުކޮށް އެމެރިކާގެ ލަޝްކަރީން ދިން ޙަމަލާތަކުން ދިފާޢުވުމަށް އަމިއްލައަށް މަރުވެގެން (ސުއިސައިޑް ވެސްޓެއް ބޭނުންކޮށްގެން) ކަމަށެވެ. މިކަމުގެ ތަފުޞީލު ދީފައެއް ނުވެއެވެ.

އެމެރިކާއިން ބަޣްދާދީ މަރާލިކަމަށް ގިނަ ބަޔަކު ޔަޤީން ކުރަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. ޓުވިޓަރގައި ޓްރަމްޕް ވިދާޅުވެފައިވަނީ " ވަރަށް ބޮޑުކަމެއް ވެއްޖެ" މިހެންނެވެ. އެހެންނަމަވެސް އެމެރިކާ ގަޑިން މިއަދު ހެނދުނު ދިހައެއް ޖަހާއިރު "ބޮޑު" ކަމަށް ޓްރަމްޕް އެވިދާޅުވާ ވާހަކަައިގެ ތަފުޞީލު ޙިއްސާ ކުރައްވާނެކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް" އާއި ޙަވާލާދީ ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އެއީ ރާއްޖެ ގަޑިން އިރުއޮއްސި 0600 ގައެވެ.

މީގެކުރިން، 2017 ވަނަ އަހަރުވެސް ބަޣްދާދީ މަރާލެވުނު ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. ރަޝިޔާ އަސްކަރިއްޔާއިން ދިން ޙަމަލާއެއްގައި ބަޣްދާދީ މަރާލެވިފައިވާކަމުގެ އަޑު ފަތުރާފައިވަނިކޮށް މިދިޔަ އެޕްރީލް މަހު އައިއެސް ޖަމާއަތުން އާއްމު ކުރި ވީޑިއޯ މެސެޖަކުން ބަޣްދާދީ ފެނުނެވެ. އެއީ އެޖަމާއަތުގެ ލީޑަރުކަމާއި ޙަވާލުވި ފަހުން އޭނާ އާއްމުންނަށް ފެނުނު ފުރަތަމަ ފަހަރު ކަމަށްވެއެވެ.

ބަޣްދާދީ މަރުވިކަމުގެ ޚަބަރު ފެތުރެން ފަށާފައިމިވަނީ ސޫރިޔާގެ އިރުއުތުރު ޞަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެޞަރަޙައްދުން ބާލާނެކަން އެމެރިކާގެ ރައީސް އިޢުލާން ކުރިތާ ދެހަފުތާ ފަހުންނެވެ. އެމެރިކާގެ ފައުޖުތައް ބާލަން ޓްރަމްޕް ނިންމެވީ، އެޞަރަހައްދުގައި ޙަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ތުރުކީ ސިފައިން ހިންގާ އަސްކަރީ ޙަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

- ކޮމެންޓް