މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި އަހަރުގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީވެސް މިޖަލްސާގައެވެ. މީގެކުރިން ޤައުމީ އިނާމު ދެމުންގޮސްފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެންނެވެ. އަދި އޭގެ ކުރިން ޤައުމީ އިނާމް ދެމުންދިޔައީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެންނެވެ.
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން ކުރަން ރާވާފައިހުރި ކަންކަމާއި ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިޔާ ޑިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހއ އުތީމުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ކަމަށް ހަފްސީ ވިދާޅުވިއެވެ.
މީގެއިތުރުން ގައުމީ ދުވަހު މާލެއާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެކަމަށްވެސް ހަފްސީ ވިދާޅުވި އެވެ.
ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ކުރެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.