މަރުވެފައިވާ ދެ މީހެއްގެ ނަންމަތީގައި މާލެ ސިޓީ ކައުންސިލުން އިމާރާތެއް ހިންގަން ދޫކުރި ހުއްދަ ބާތިލްކޮށް އެ މައްސަލަ ފުލުހަށް ހުށައަޅައިފިއެވެ.
މީގެ 14 ވަރަކަށް އަހަރު ކުރިން މަރުވެފައިވާ ދެ މީހެއްގެ ނަމުގައި މާލެ ސިޓީގައި ކެފޭއެއް ހިންގަން ސިޓީ ކައުންސިލުން ސެޕްޓެމްބަރު މަހު ދިން ކަމަށް ބުނާ ލިޔުމެއް ވަނީ ޝޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ ހުއްދަ ދޫކޮށްފައިވަނީ މއ. ވާދޫގޭ ގްރައުންޑް ފްލޯރ އަށެވެ.
އެކަމާއި ގުޅިގެން ހޮނިހިރު ދުވަހު މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ އިދާރާއިން ބެލި ބެލުމުން މަރުވެފައިވާ ދެ ފަރާތެއްގެ ނަމުގައި އެޕްލިކޭޝަން ފޯމު ހުށައެޅުމަށް ފަހު ނަގާފައިވާ ހުއްދައެއްކަން އެނގެން އޮތުން އެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށައަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލްގެ ލެންޑް އެންޑް ބިލްޑިންގެ ކޮމިޓީގެ ޗެއަރ އާދަމް ޝަރީފް ވިދާޅުވީ، އެ މައްސަލަ ޝޯޝަލް މީޑިއާގައި ފެންމަތިވެ ކައުންސިލާއި ދޭތެރޭ އެކިއެކި ގޮތްގޮތަށް ވާހަކަ ދެކެވޭތީވޭ އެކަމުގެ ހަގީގަތް ބެލުމަށް ކުއްލި ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އޭނާ ވިދާޅުވީ، ލިޔެކިޔުންތައް ބެލިއިރު އެ ދެމީހުންނަކީ މަރުވެފައިވާ މީހުންކަން ހާމަވެފައިވާ ކަމަށެވެ.
އޭގެ ހުއްދައަކަށް ލާފައިވަނީ އެ ދެ ބޭފުޅުންގެ ސޮއި ޖަހާފައި ލާފައި އިނީ. އަޅުގަނޑުމެން ބަލަނީ ލިޔެކިޔުން ހަމަކަމަށް ވަންޏާމު އެކަމުގެ ހުއްދަދޭން އެހެންވީމަ އެ ހުއްދަ ދޫކޮށްފައި އޮތީ. މައްސަލަ ދިމާވެގެން ބެލި ބެލިމުން ހުރިހާ އެއްޗެއް އޮޅުން ފިލުވި އިރުގައި މިވާ ގޮތަކީ އެ ބޭފުޅުން ވަނީ ނިޔާވެފައި. އެހެންވީމަ ކޮމިޓީން ނިންމީ ދެން މިހާރު ދީފައިވާ ހުއްދަތައް ބާތިލް ކުރުމަށް.މާލެ ސިޓީ ކައުންސިލްގެ ލެންޑް އެންޑް ބިލްޑިންގެ ކޮމިޓީގެ ޗެއަރ ~ އާދަމް ޝަރީފް ~
އެ މައްސަލަ ބެލި ކޮމިޓީގެ މުގައްރިރަކަށް ހުންނެވި އާދަމް ވިދާޅުވީ، އެ ހުށައެޅި މީހާ ދެނެގަނެވިފައިވާ ކަމަށާއި، ފުލުހުން އެކަން ކުރިޔަށް ގެންދާނެ ކަމަށެވެ.