Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 18:03
އެސެޓް ރިކަވަރީ ކޮމިޝަނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ
އެސެޓް ރިކަވަރީ ކޮމިޝަނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ
ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ހިޔާނާތް
އެމްއެމްޕީއާރުސީގެ ހިޔާނާތް: ބޭންކަކާމެދު ފިޔަވަޅެއް އެޅުމަކީ އިޤްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއް!
ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުފައިވޭ
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން ދޮގު މައުލޫމާތު ދިންކަމަށް ބުނެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި
ނޮން ނެގޮޝަބަލް ޗެކްތަކެއްގެ މައްސަލަތަކެއް ވެސް ފެންމަތިވި

ރާއްޖޭގައި ހިންގާ ބޭންކަކާމެދު ފިޔަވަޅެއް އެޅުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ރިޔާސީ ކޮމިޝަން، ކޮރަޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުޤީޤާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ފުލުހުންގެ އިދާރާއާއި ކޮރަޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަސްއަދު ވިދާޅުވީ، އެމްއެމްޕިއާރުސީގެ ހިޔާނާތަކީ މީގެކުރިން ދިވެހި ރާއްޖެ ނުދެކޭ ފަދަ، ބޮޑު ހިޔާނާތެއް ކަމަށާއި، މިފަދަ ހިޔާނާތެއް، ބެލުމަށް ދައުލަތުގެ އެއްވެސް އިދާރާއެއް މީގެކުރިން ތައްޔާރުވެފައި ވެސް ނެތް ކަމަށެވެ. އަދި މިފަދަ ބޮޑު ހިޔާނާތުގެ މައްސަލައެއް ބެލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ވަސީލަތްތައް ގާއިމުކޮށްފައި ނެތްކަން ފާހަގަކުރެވޭ ކަމަށްވެސް އަސްއަދު ވިދާޅުވި އެވެ.

Advertisement

އަސްއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރާއްޖޭގައި ހިންގާ ބޭންކުތަކުގެ އިހުމާލެއް ނެތް ކަމަށެވެ. އެހެންނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއްގެ އިހުމާލު އެބައޮތް ކަމަށާއި ނަމަވެސް އެއީ ކިހާވަރެއްގެ އިހުމާލެއްކަމެއް ސާފުވާނީ ފުރިހަމަ ތަހުގީގަކަށް ފަހުގަ ކަމަށެވެ.

އަސްއަދު ވިދާޅުވީ، އެ މުވައްޒަފަކާމެދު ރާއްޖޭގެ މަރުކަޒީ ބޭންކުކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފިޔަވަޅެއް އެޅުކީ އެއީ، ހަމައެކަނި އެމުވައްޒަފަށް އެޅޭ ފިޔަވަޅަކަށް ނުވާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަށް ވަރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ، ބޭންކުގެ އެތެރެއިން، ހިންގަންޖެހޭ ތަހުގީގުތައް ހިންގުމަށްފަހު، މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ބައިވެރިވުމެއް އޮތްނަމަ، އެ ބޭންކުން އޭނާއާމެދު ފިޔަވަޅު އެޅުން ކަމަށެވެ.

އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ވިސްނަން މަޖުބޫރުވާ ހާލަތްތައް އެބައާދޭ. އަޅުގަނޑުމެން ބޭންކެއްގެ ސްޓާފެއް އެތިކަލް މައްސަލައެއް ހިފައިގެން ސެންޓްރަލް ބޭންކަށް ނުވަތަ މަރުކަޒީ ބޭންކާ ހަމައަށް ގޮއްސަ، އެތަނުން ފިޔަވަޅެއް އަޅާ ހިސާބުން، އެމައްސަލަ އެނިކުންނަނީ އެމުވައްޒަފަކަށް އެކަންޏެއް ނޫން. ބޭންކް އޮފް މޯލްޑިވްސް ނުވަތަ އެހެން ބޭންކެއް ވިޔަސް، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ ކޮރޮސްޕޮންޑިން ބޭރުގައި ބޭންކުތަކެއް އެބަހުރެ، އެތިކަލް މައްސަލައެއްގައިވިސް ސެންޓްރަލް ބޭންކުން ފިޔަވަޅެއް އަޅާއިފި ކަމަށްވަންޏާ، ހުރިހާ ކޮރޮސްޕޮންޑިން ބޭންކުތަކާ އޮތް ގުޅުން ހަމަ އެހިސާބުން ކެނޑިގެންދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެން ފިޔަވަޅެއް އަޅާއިރު، ޒިންމާދާރު ގޮތަކީ އޭގައި، މީގަ އެބައޮތް ގޮތެއް، އަޅުގަނޑަށް އެނގޭ ބައެއް ބެންކުތަކުން މިމައްސަލައާ ގުޅިގެން މިހާރު އިސްނެންގެވުމެއްނަންގަވާއިގެން، އެބޭފުޅުން އިންޓާނަލީ ފްރެންސިކް އޮޑިޓް ވެސް ކުރިއަށް އެބަގެންދަވާ. އިންވެސްޓިގޭޝަން ކުރިއަށް އެބަގެންދަވާ. ހަމަ ރަނގަޅުގޮތެއް އެއީ އެބޭފުޅުން އެތެރެއިން ގޮތެއް ނިންމެވުން.

ރާއްޖޭގެ ފަޅުތަކަކާއި ފަޅުރަށްތަކެއް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ޗެކްތަކެއް، އެމްއެމްޕީއާރުސީގެ އެކައުންޓަށް ނުވަދެ، އަމިއްލަ ބައެއް މީސްމީހުންނާއި ކުންފުނިތަކެއްގެ އެކައުންޓްތަކަށްވަނީ ޖަމާކޮށްފަ އެވެ. އެގޮތުން "ނޮން ނޮގޯޝަބަލް" ޗެކްތަކެއްގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތި ވެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތެއް ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވިޔަސް އެއީ 220 މިލިއަން ޑޮލަރު ނުވަތަ 3.3 ބިލިއަން ރުފިޔާގެ ހިޔާނާތެއް ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތައް އަދިވެސް އޮތީ ތަހުގީގު މަރުހަލާގަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެންމެބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާއެއް އުފުލި، މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް