މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް ފައިސާ، ސީދާ އިންވެސްޓަރުގެ އެކައުންޓުން، ޚިޔާނާތުގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކުގެ އަމިއްލަ އެކައުންޓްތަކަށް ވެސް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުޤީޤާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ފުލުހުންގެ އިދާރާއާއި ކޮރަޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އިތުރަށް ބެލިވަރަކަށް ކަންކަން ސާފުވަމުންދާ ކަމަށާއި ގިނަ ބަފަރާތްތަކަށް ޤަބޫލު ކުރެވިފައި އޮތީ، އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ޗެކްތަކެއްގެ ނުފުށުގައި އެންޑޯޒްމަންޓެއް ހަދައިގެން އެސްއޯއެފް ކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، އެފައިސާއިން އެކި މީސްމީހުންނަށް ފައިސާ ޖަމާކޮށްފައިވާތަން ކަމަށެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ އެނޫން ގޮތްގޮތަށް ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެކި މީސްމީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީން ފަޅުތަކާއި ފަޅުރަށްތަކެއް ވިއްކައިގެން، އިކުއިސިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ ފައިސާ، ސީދާ އިންވެސްޓަރުގެ އެކައުންޓުން، އެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކުގެ އަމިއްލަ އެކައުންޓްތަކަށް ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކަން މިހާރު ހިންގަމުންދާ ތަހުގީގުން ހާމަވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރުވެސް އެބަ ފާހަގަ ކުރެވެމުން އެބަދޭ ހަމަ ޑައިރެކްޓްކޮށް އިންވެސްޓަރުގެ އެކައުންޓުން އިކުއިސިޝަން ކޮސްޓްގެ ގޮތުގައި ނެގިފައިހުރި ފައިސާ ވެސް، ހަމަ މިކަމުގައި (އެމްއެމްޕީއާރުސީގެ ހިޔާނާތުގައި) އިސްކޮށް އުޅުއްވި ބޭފުޅުންގެ ޕާސަނަލް (އަމިއްލަ އެކައުންޓް) އެކައުންޓަަށް ޖަމާވެފައި ހުރިކަން. އެކަންކަން ވެސް ފަނޭޝަލް އެނަލިސިސް ކޮމިޝަނުގެ ފަރާތުން ބަލަމުންދާ ވަރަކަށް އިތުރަށް ކުރެވެންމުންވެސް އެބަދޭ. އޭގެ މައްޗަށް އަޅުގަނޑުމެން ހިންގަންޖެހޭ ތަހުގީގުތަކެއްވެސް އެބަހުރި،"އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު
އެފަރާތްތަކުގެ ނަންތައް ރިޔާޒު ހާމައެއް ނުކުރައްވަ އެވެ. ރިޔާޒު ވިދާޅުވީ އެފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އެފަރާތްތަކުގެ މައްޗަށް ތަހުޤީޤު ހިންގުމަށް ފުލުހަށް ހާޒިރު ކުރެވޭނެ ކަމަށާއި، އަދި އެބޭފުޅަކު ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.