Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 17:16
ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕޮލިސް
އެމްއެމްޕީއާރްސީގެ ހިޔާނާތް
ދައުލަތަށް މަދުވެގެން 220 މިލިއަން ޑޮލަރު ލިބެންޖެހޭ: އައްސަދު
މިއީ ކުރިން އިއުލާން ކުރި އަދަދަށް ވުރެ 143 މިލިއަން ޑޮލަރު ބޮޑު އަދަދެއް
މިއީ ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ހަމައަގު ހިސާބުކުރުމުން ލިބެންޖެހޭ އަދަދު
ތަހުގީގު ނިމުނުހާ އަވަހަކަށް ރަށްތަކުގެ ހަމައަގު ހޯދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތުގެ ތެރެއިން ދައުލަތަށް ޖުމްލަ 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ލިބެންޖެހޭ ކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްސަދު ވިދާޅުވީ، މިއީ އެ ހިޔާނާތުގެ ތެރެއިން ނުއަގުގައި ވިއްކި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ހަމަ އަގުގައި ހިސާބުކުރުމުން ޖެހޭ އަދަދު ކަމަށެވެ. މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ހިޔާނާތުގެ އަގު 220 މިލިއަން ޑޮލަރަށް އަރާކަމަށް ވިދާޅުވެފައެވެ. މިއީ ކުރިން އޭސީސީން ހާމަކުރި އަދަދަށް ވުރެ، 143 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

Advertisement

އައްސަދު ވިދާޅުވި ގޮތުގައި، ޖޮއިންޓް ވެންޗަރ އުސޫލުން ރަށްތައް ދޫކުރާނެ ގޮތުގެ އުސޫލެއް 2013 ވަނަ އަހަރުގެ 28 ޖެނުއަރީގައި ގެޒެޓް ކުރެވިފައިވީ ނަމަވެސް، އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ، އޭރަކު އައި މީހަކަށް އޭރަކު އޮތް ގޮތަކަށެވެ. އަދި ރަށްތައް ދޫކުރި ފަރާތްތަކުގެ ތެރޭގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަމަށް އައްސަދު ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ 28 ޖެނުއަރީގައި ގެޒެޓް ކޮށްފަ އޮންނާނެ ޖޭވީ (ޖޮއިންޓް ވެންޗަރ) އުސޫލުން ރަށްތައް ދޫކުރާ މިންގަނޑުތަކަކާއި އެޔަށް ފައިސާ ނަގާނެ އުސޫލެއް އޮންނާނެ ހާމަކޮށްފަ. އެ އުސޫލު އޮތް ތަނުގައި އޮއްވާ އެ އުސޫލަށް އަމަލުކުރުމުގެ ބަދަލުގައި އެމްއެމްޕީއާރްސީގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ، ދެން އޭރަކު އައި މީހަކަށް އޭރަކު އޮތް ގޮތަކަށް މީހަކަށް ވަކި ގޮތަކަށް ހަދާފަ، ހަމަހަމަ އެއް އުސޫލެއް ގެންގުޅެފައެއް ނެތް.
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު

220 މިލިއަން ޑޮލަރަކީ، ކޮންޓްރެކްޓާ ހަމައަށް ގޮސްފައިވާ 49 ރަށުގެ ލީސް އިކުއިޒިޝަން ކޮސްޓުގެ ހަމައަގު ހިސާބުކުރުމުން ޖެހޭ އަދަދެވެ. އޭގެ އިތުރަށް، އޮފަރ ލެޓަރ ދިނުމަށް ފަހު ފައިސާ ނަގާފައިވާ އިތުރު ރަށްތަކެއް ހިމެނެއެވެ. އޭސީސީން ކުރިން އާންމުކުރި ރިޕޯޓަށް ބަލާނަމަ، އެއީ ގާތްގަނޑަކަށް 11 ރަށެވެ.

އައްސަދު ވިދާޅުވީ ދޫކޮށްލެވިފައިވާ 143 މިލިއަން ޑޮލަރެއްގެ ވާހަކަ ދައްކާއިރު، އެއީ އެކަން ކުރަން ތިބި މީހުންނަށް މަންފާއެއް ނުވާގޮތަށް ދޫކޮށްލެވިފައިވާ ފައިސާތަކެއް ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މިހާރު ފުލުހުންނާއި އޭސީސީ އަދި އެ ކޮމިޝަން ގުޅިގެން ކުރިއަށްދާ ތަހުގީގުގައި، ކުރިން ނުލިބި ހުރި އެތައް މައުލޫމާތެއް ލިބިފައިވާއިރު، މިހާރުގެ ތަހުގީގުގެ ފޯކަސް ހުރީ ކުރިން ހާމަކުރި 77 މިލިއަން ޑޮލަރުގެ އިތުރުން، ފަހުން ފާހަގަކުރެވިފައިވާ 143 މިލިއަން ޑޮލަރު ވެސް ހިމެނޭ ގޮތަށް ކަމަށް އައްސަދު ވިދާޅުވިއެވެ.

މީގަ އަޅުގަނޑުމެން ބަލަމުން މިދަނީ، ފެންނަން އޮތް މިލިއަނަކާ، އަދި އޭގެ އިތުރަށް ނުފެންނަ މިދެންނެވި 143 މިލިއަނެއް ދޫކޮށްލެވުނު އިރުގައި، އެކަން ކުރަން ތިބި މީހުން އެހަމަ އެއްވެސް މަންފާއެއް ނުވާނެ ގޮތަށް ދޫކޮށްލާނެ ކަމަކީ، އިންސާނީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫން. އެހެންމަ އަޅުގަނޑުމެންގެ ފޯކަސްގެ ތެރޭގައި އެބައިވެސް ހިމަނައިގެން މިގެންދަނީ
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު

މި ހިޔާނާތް ފެށިގެން އައި ހިސާބަކީ، އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމަށް ކަމަށް ބުނެ ދައުލަތުގެ ކުންފުނިތަކުން ފައިސާ ނެގުމަށް ފަހު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުން އެ ފައިސާ ދައްކައިގެންނެވެ.

އެގޮތަށް ބަލާކަމުގައި ވަންޏާ، ސްޓޭޓް އޯންޑް ކުންފުނިތަކުން ނެގި ފައިސާ އަނބުރާ ދެއްކި ކަމަށް ބުނެވިދާނެ. އެއީ އެތަންތަނަށް ދެއްކިއްޖެ. އެހެން ނަމަވެސް އެ ފައިސާ ދެއްކީ ކޮން ފައިސާއަކުންތޯ ބަލާއިރު މި އަންނަނީ އެމްއެމްޕީއާރްސީގެ ފައިސާއިން މިދައްކަނީ.
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު

މި ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިގެން ދިޔަ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކުގެ ތެރެއިން މިހާރު ބައެއް ރަށްތަކުގައި ރިސޯޓްތައް ތަރައްގީކޮށް އަންނަނީ ހިންގަމުންނެވެ. ނަމަވެސް، މި ތަހުގީގު ނިމުނުހާ އަވަހަކަށް ރަށްތަކަށް ހަމަ އަގު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީއިން ހިޔާނާތްވީ ފައިސާގެ ތެރެއިން އޭރާއި މިހާރުގެ ސަރުކާރުގައި ތިއްބެވި އިސްވެރިންނަށާއި، މަޖިލިސް މެމްބަރުންނަށާއި، ފަނޑިޔާރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންތަކަކަށް މަންފާ ވެފައިވާ ކަމަށް ވަނީ ހާމަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް