ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކުރެވުނު އެންމެ ފުރަތަމަ އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރީ މިމަހުގެ 20 ގައެވެ.ޓްރީ ޓޮޕުން ބުނީ,މި އޮޕަރޭޝަން ކުރީ ރާއްޖެބައްޔަށް ފަރުވާ ކުރަމުންދާ 29 އަހަރުގެ މީހެއް ކަމަށެވެ.
މި އޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަށީގެ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން، ޑރ. ކަންނިރާޖް މަރިމުތު، އަދި ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސެއިން ފައިސަލްއެވެ. މިބޭފުޅުންގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ އަދި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.
މީގެ އިތުރުން ޓްރީ ޓޮޕުން ބުނީ ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރުންނަކީ ތަޖުރިބާކާރު އަދި ހުޅުތައް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގައި ވަރަށް ގާބިލް ބޭފުޅުން ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމުގައި ބޭނުން ކުރަނީ އެންމެ ޒަމާނީ ވަސީލަތްތައް ކަމަށެވެ.
ކަށީގެ ހާއްސަ ޑޮކްޓަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 ން ހަވީރު 06:00 އެޕޮއިންޓްމަންޓް ލިބިލައްވާނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް ކޮންޓެކްޓް ސެންޓަރ ނަމްބަރު ނުވަތަ އޮންލައިން ގެސްޓް ޕޯޓަލް އިހްތިޔާރު ކުރެވޭނެއެވެ.
2018ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ހުޅުވުނު ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެވެ. 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ މި ހޮސްޕިޓަލުގައި 210 އެނދާއި 30 ސްޕެޝަލްޓީ ސެންޓަރު ހުރެއެވެ.