ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކުރި، ބ. ހިބަޅިދޫ އެގްރީމަންޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި، ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލާގައި ފަނޑިޔާރުން ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.
އެމައްސަަލަ އެންމެ ފުރަތަމަ ފެންމަތިވީ، މިމަހުގެ 15 ވަނަ ދުވަހު މާލިއްޔުތު ކޮމެޓީން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުން އަވަސް ކޮށްދެއްވުމަށާއި، ފަނޑިޔާރުން ރިޝްވަތު ނަންގަވާކަމަށް އަލީ ވަހީދު ކުރެއްވި ތުހުމަތާއި ގުޅިގެން ނެވެ. އެ ކޮމެޓީގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިބަޅިދޫ އެގްރީމަންޓް ބާތިލްކުރުމުން، ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނިކޮށް، ހިބަޅިދޫ ލިބިފައިވާ ކުންފުނި ބޭނުންވާ ގޮތަށް ފައިސާ ދެނިކޮށް، މައްސަލަ ނިންމާދެވިދާނެ ކަމަށް ފަނޑިޔާރުން ބުނެފައިވާ ކަމަށެވެ.
ލެޓްސްގޯ ރިޔާޒުގެ މައްސަލާގައި، (އަޅުގަނޑު އެއްވެސް ހާލެއްގަ މިދަންނަވަނީ އޭނާ އަޅުގަނޑަށް ވިޝްވަތު ހުށަހެޅި ވާހަކައެއް ނޫން) އޭނައަށް ތްރެޓްކޮށް، އޭނާ މާޔޫސްކޮށްލާ އެބަހަދަޔޭ، އޭނާ އައިސް އެބަ ބުނެޔޭ މިނިސްޓާއޭ މީއޭ މިގައުމުގެ ހާލަތު އޮތް މިންވަރު. (އަޅުގަނޑަކަށް ނޭނގޭ އިންސާފުވެރި ނިންމުމަކީ ކޮބައިކަމެއް) އެމައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި. ހިބަޅިދޫ އެށަކީ. ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ދެރަވޭ. ރާއްޖޭގެ ވިޔަފާރިވެރިޔާ އެ ޕޮޒިޝަނަށް ވެއްޓޭ ނިޒާމަކީ އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ނިޒާމެއް ނޫން.... ކޯޓުން އެބަބުނެޔޭ މިވެނިވަރެއް ދައްކާށޭ އޭރުން މައްސަލަ ނިންމަދޭނަމޭ ތިބޭފުޅާގެ ކޮޅަށް. އޭހާ މާޔޫސްވެގެން އެބައާދޭ އެ ވިޔަފާރިވެރިޔާ.
އެކޮމެޓީގެ ބައްދަލުވުމުގައި އަލީ ވަހީދު އެގޮތަށް ވިދާޅުވުމުން ކޮމެޓީގެ މެމްބަރުން ވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަކަށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާ، އެކޮމިޝަނުގެ ސަމާލުކަމަށް އެމައްސަލަ ގެނައުމަށް މިނިސްޓަރު އަލީ ވަހީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
މާލިއްޔަތު ކޮމެޓީން އެގޮތަށް އެދުމުން، ޓޫރިޒަމް މިނިސްޓްރީން ވަނީ މަޖިލީހުގެ ރައީސް އާއި މާލިއްޔަތު ކޮމެޓީއަށް ލިޔުމެއް ފޮނުވާފަ އެވެ.
އެލިޔުމާއި ގުޅިގެން ބުދަ ދުވަހު މާއްލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ މެމްބަރުން މަޝްވަރާ ކުރައްވާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ލިޔުުގައި، ރިޝްވަތު ހުށަހެޅުއްވި ފަނޑިޔާރެއް، ނުވަތަ ރިޝްވަތު ހުށަހެޅުއްވި ބައެއްގެ ނަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
އޮފީހަށް އައިސް ވަކިވަރަކަށް ފައިސާ ހަމަޖައްސަވާފި ނަމަ އަޅުގަނޑު ބޭނުންވާ ދުވަހަކު، ބޭނުންވާ ގޮތަކަށް މައްސަލަ ނިންމި ދާނެ ކަމަށް، އެމީހުންނަކީ ސީދާ ފަނޑިޔާރުންގެ ފަރާތުން އައިސްތިބި ބައެއް ކަމަށާއި، އެމީހުންގެ ޝަރުތުތަކަށް އެއްބަސްވާނަމަ ރާއްޖެއިން ބޭރުގައި އަޅުގަނޑު ހަމަޖައްސާ ގޮތެއްގެ މަތިން، ސީދާ ފަނޑިޔާރުންނާ ބައްދަލު ކުރެވިދާނެ ކަމަށް ބުނެފައިވޭ.ޓޫރިޒަމް މިނިސްޓްރީން ކޮމެޓީއާ ހިއްސާކޮށްފައިވާ ލިޔުމުގައިވެއެވެ.
އެ ފަނޑުޔާރުންނާބެހޭ އަދި އޮފީހަށް ބައްދަލުކުރަން ދިޔަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެ ލިޔުމުގައި ނެތް ކަމަށް ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާާޝިޒު ވިދާޅުވި އެވެ.
މީގެއިތުރުން އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނުފޫޒު އެމައްސަލައިގެ ތެރެއަށް ވަދެފައިވާ ކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތަފްސީލެއް ވެސް ނެތް ކަމަށް ނާޝިޒު ވިދާޅުވި އެވެ.
ބ. ހިބަޅިދޫ އަކީ ރިސޯޓް ހަދަން އެރަށް ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުރަށެވެ. އެމައްސަލަ ފެންމަތިވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. އޭރުއްސުރެ އެތަން އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހަތިޔާރު ފެނުނު ކަމަށް ބުނެ ސަރުކާރުން އެރަށް ދޫކުރުމަށް ބިޒްނާސް މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމާއެކު އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި 2017 ޖެނުއަރީ ގައި އެ ކޯޓުން ނިންމީ އެރަށުގެ އެއްބަސްވުން ބާޠިލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލު ކޮށްފައެއް ނުވެއެވެ.
ހިބަޅިދޫ މައްސަލަ މިހާރު އޮތީ، ސުޕްރީމް ކޯޓުގަ އެވެ.