ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ ކޮން ބައެއްތޯއާއި އެމީހުންގެ ތަފްސީލުތައް ހާމަ ނުކުރެވިގެން އުޅެނީ ލިބެންޖެހޭ ބައެއް މައުލޫމާތު ނުލިބިގެންކަން ރާއްޖެ.އެމްވީއަށް އެނގިއްޖެ
ކޮމިޝަނުން ތަހުގީގުކުރައްވަމުން ގެންދަވާ މައްސަލަތަށް ލަސްވާ ސަބަބާއި މެދު ވާހަކަދައްކަވަމުން، ރާއްޖެއެމްވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސުއޫދު ވިދާޅުވީ އެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށާއި މިހާރު ކުރެވިގެން ދާ މަސައްކަތަކީ، އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހޯދުން ކަމަށެވެ. ސުއޫދު ވިދާޅުވީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ގިނަ މައްސަލަތައް މިހާރު ނިމިފައިވާ ކަމަށާއި އެކަމުގެ މައުލޫމާތުވެސް ރައްޔިތުންނަށް ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ. ނަމަވެސް، އެ މައުލޫމާތްތަކާއި މަރުތަކުގެ ފައިނަލް ރިޕޯޓު ހާމަކުރާނެ ވަކި ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި ކޮމިޝަނުން މަރުތަކުގެ ހަގީގަތް ހާމަނުކުރެވި ލަސްވެގެން އުޅެނީ، އެހެން މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތުތައް އަދިވެސް ސާފުކުރުމުގައި ދަތިތަކެއް އުޅޭތީ އެވެ.
ސުއޫދު ވިދާޅުވީ މިހާރު ކުރެވިގެން ދާ މަސައްކަތަކީ ކުރިން ލިބިފައިހުރި މައުލޫމާތުތަކަށް އިތުރު ހެކިތައް ނުވަތަ މައުލޫމާތު އެކްސްޕޭންޑް ކުރުންކަމަށެވެ.
ޑރ އަފްރާޝީމް އަނިޔާވެރިކޮށް މަރާލިތާ 7 އަހަރު ވެފައިވާއިރު، ސުއޫދު 2 އޮކްޓޯބަރުގައި ކުރެއްވި ޓްވީޓެއްގައި ވަނީ އަފްރާޝީމް މަރާލި މައްސަލައިގައި އެކަންތައް ރޭވި ފަރާތްތަކާއި އެފަރާތްތައް ހަފްތާތަކެއްގެ ތެރޭގައި ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަފްރާޝީމް މަރުގެ މައްސަލައިގެ ތަހުގީގުގެ 90 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
އަފްރާޝީމް މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.
މަރު ކޮމިޝަނުން ބުނެފައިވަނީ އަފްރާޝީމް މަރާލި ދުވަހުގެ ހެނދުނު ދެމީހަކު ސީރިއާއަށް ދިޔަ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެކަމުގައި ދީނީ ހަރުކަށި ފަރާތްތައް ހިމެނޭކަމަށް ކޮމިޓީން ހާމަ ކޮށްފައިވާއިރު މީގެ ކުރިން ހިނގައިދިޔަ ޔާމީން ރަޝީދުގެ މަރާއި ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމުގައި ބައިވެރިވެފައިވަނީ ހަރުކަށި މީހުން ކަން ހާމަވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.