މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާއި ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަުގައި އެކިގޮތްގޮތުން ޝާމިލުވެފައިވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެ ފަރާތްތަކަށް ވަގުތުން ވަގުތައް ފިޔަވަޅުއެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންްގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. މި މައްސަލަ މަޖިލީހުން ބަލައިގަތީ 42 މެމްބަރުންގެ ވޯޓާއި އެކުއެވެ.
މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ލަތީފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަޔާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުންގެ އަގުލަބިއްޔަތާއި ތާއީދު ލިބުނީ ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރި މީހުންނާއި މެދު ފިޔަވަޅު އަޅާ، ގޮތް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ދެނެގަނެ، އެމީހުންނާއި ދޭތެރޭ ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އެނޫނަސް ބައިވަރު ފަރާތްތައް ހިމެނޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވެ، ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އެ ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ދެނެގަނެ ގަތުމަށް ދިވެހި ރައްޔިތުން ތިބީ ކެތް މަދުވެފައި ކަމަށާއި އެފަރާތްތަކުގެ ތަހުގީގުތައް ހިންގައި އިންސާފު ގާއިމު ކުރުމަށް އަބަދުމެ ދިވެހި ރައްޔިތުން އެދެމުންދާ ކަމަށް މެމްބަރު ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ އެ މީސްމީހުން ގެ މައްޗަށް ފިޔަވަޅު އެޅުމަށް އިންތިހާއަށް ބޭނުންވެފައިވާތީއެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދެ މެމްބަރަކު ދެ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ކަމަށެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް މެމްބަރު ނަޝީދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝިދު ވިދާޅުވީ އެއީ އެ ކުއްލި މައްސައަކީ މި ދައުރުގައި އެއްފަހަރު ބަލައިގަނެވޭނެ މައްސަލައެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި، ކުއްލި މައްސަލައަކަށްވާ ސިފަތައް ބައްލަވާލެއްވުމުން ވަކިން ޚާއްސަކޮށް ކަމަކާއި ގުޅިގެން އެދައުރެއްގައި މަޖިލީހުގައި ބަހުސްކުރެވިފައިވާ މައްސަލައެއް އަލުން އުފަން ކުރުމަށް ހުށަހެޅޭ މައްސަލައަކަށް ވެގެން ނުވާނެ ކަން އެނގިލައްވާނެ ކަމަށެވެ.