Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 14:22
އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް
އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް
ރައީސް އޮފީސް
އެޗްއާރުސީއެމް
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް
ޤާނޫނުތަކާއި ގަވާއިދުތަކުގައި އިންސާނީ ޙައްޤުތަކާއި ގުޅޭ ބައިތައް އެންމެ އެދެވޭ ގޮތަށް ގެނެވިފައިފައި ނުވޭ
މައްސަލަތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ނުލިބުން

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ހަދާ ބައެއް ގާނޫނުތައް ތަންފީޒް ނުވުމާއި އަދި ރާއްޖެއިން ބައިވެރިވެ ސޮއިކޮށްފައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް އައިމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

ހިޔުމަންރައިޓސް ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި އީނާސް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވީ މިދިޔަ އަހަރު އަހަރު ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ކުރެވުނު މަސައްކަތުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެގޮތުން، ޤާނޫނުތަކާއި ގަވާއިދުތަކުގައި އިންސާނީ ޙައްޤުތަކާ ގުޅޭ ބައިތައް އެންމެ އެދެވޭ ގޮތަށް ގެނެވިފައިފައި ނެތުމުން ދިމާވާ ދަތިތަކާއި، އަދި އެންމެ އެދެވޭ ގޮތުގައި ބައެއް ޤާނޫނުތައް ތަންފީޒުކުރެވެމުން ނުދާތީ އާއި ރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައިވާ ކަންކަން އެންމެ އެދެވޭ ގޮތަށް ތަންފީޛުކުރުމުގައި ކުރިމަތިވާ ގިނަ ދަތިތައް ދިމާވެފައިވާ ކަމަށް އީނާސް ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ ކޮމިޝަނުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރެވޭ ފަދަ ގާބިލް މުވައްޒަފުން މަދުވުމުގެ އިތުރުން އެފަދަ މުވައްޒަފުން ތަމްރީނުކުރުމުގައި ހުރި އިދާރީ އަދި ބަޖެޓުގެ ދަތިކަމުގެ އިތުރުން ވެސް، އޮފީސް ޢިމާރާތާއި ބޭނުންވާ މުހިންމު ބައެއް ވަސީލަތްތަކުގެ ދަތިކަމަކީ ވެސް ފާއިތުވެދިޔަ އަހަރު ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިމަތިލާން ޖެހުނު ބޮޑެތި ގޮންޖެހުންތަކެއް ކަމަށް އީނާސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކޮމިޝަނަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތައް ބަލައި ނިންމުމުގައި އެފަދަ މައްސަލަތަކާ ގުޅުންހުރި އެހެން ބައެއް މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން، މައްސަލަ ހުށަހަޅާ ފަރާތްތަކުން ވެސް ބައެއްފަހަރު އެކަށީގެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން ވެސް ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރާއްކާތެރި ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން އީނާސް ފާހަގަ ކުރެއްވިއެވެ.

އެޗްއާރުސީއެމްގެ ރައީސް ވިދާޅުވީ މުޖުތަމައުގެ އިންސާނީ ހައްޤުގެ ހާލަތު ދެނެގަނެ، އިތުރަށް އެ ހާލަތު ރަގަޅު ކުރަމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ ދިރާސާތަކެއްގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މިގޮތުން މިއަހަރު ތެރޭގައި އުފަންވަނިވި ޞިއްޙަތާއި، ޖިންސީ ދުޅަހެޔޮކަމުގެ ޞިއްޙަތާ ގުޅޭ ގޮތުން ދިވެހީންގެ މެދުގައި ހޭލުންތެރިކަން ހުރިނެތް މިންވަރު ދެނެގަތުމަށްޓަކައި "ރައިޓް ޓު ރިޕްރޮޑަކްޓިވް އެންޑް ސެކްޝުއަލް ހެލްތް އެޑިއުކޭޝަން" ގެ ނަމުގައި ދިރާސާއެއްކޮށް އާއްމުކޮށްފައިވާކަން އީނާސް ފާހަގަ ކުރެއްވިއެވެ.

ހަމަ މިއާއެކު ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫންތަކާއި، ގަވާއިދުތަކާއި އަދި ސިޔާސަތުތަކުގައި އިންސާނީ ހައްޤުތައް ހިމާޔަތްކޮށްދެވިފައިވާކަން ކަށަވަރުކުރުމުގެ ގޮތުން މިދިޔަ އަހަރު ކޮމިޝަނުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އީނާސް ވިދާޅުވެފައި ވެއެވެ.

އެގޮތުން މިއަހަރު ތެރޭގައި އަލަށް އެކުލަވާލެވުނު ހަތަރު ބިލަކާއި، ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިން 10 ސިޔާސަތެއް އިންސާނީ ހައްޤުގެ ނަޒަރިއްޔާއިން ބަލައި، ރިވިއުކޮށް، އެކަންކަމުގެ ތެރެއިން ކޮމިޝަނަށް ފާހަގަކުރެވުނު ކަންބޮޑުވުންތައް ކަމާގުޅުން ހުރި މުއައްސަސާތަކާ ހިއްސާކޮށް އެކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އީނާސް ވިދާޅުވެފައި ވެއެވެ.

ވަކިން ޚާއްސަކޮށް ތަފާތު އެކި ކަންތައްތަކާއި ގުޅިގެން މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްފައި ނުވަތަ ބައިތިއްބާފައި ތިބޭ ތަފާތު ތަންތަނަށް 18 ފަހަރު ޒިޔާރަތްކޮށް، އެފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ ޢަމަލުތައް ހިންގާތޯ ބަލައި، އެފަދަ ތަންތަނާއި އެތަންތަނުގައި ބޭތިއްބިފައި ތިބި މީހުންގެ އިންސާނީ ޙައްޤުތަކުގެ ހާލަތު މޮނިޓަރކުރެވިފައިވާނެ ކަމަށް އީނާސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް