Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 18:59
މޯލްޑިވް ގޭހުގެ ގޭސް ފުޅި ރައްކާކުރާ ގުދަނެއް
މޯލްޑިވް ގޭހުގެ ގޭސް ފުޅި ރައްކާކުރާ ގުދަނެއް
ގޫގުލް
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް: ގޭސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުނުކޮށް އޮޕަރޭޓް ކުރާތާ 20 އަހަރު!
ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގދ.ތިނަދޫގައި އަންނަނީ ސްޓޯރޭޖް ފެސިލިޓީއެއް ގާއިމް ކުރަމުން
ތިނަދޫގައި ގާއިމްކުރާ ސްޓޯރޭޖް ފެސިލިޓީގެ ކެޕޭސިޓީއަކީ 1500 ޓަނު
ތިނަދޫ މަޝްރޫއު ނިމުމުން ތިލަފުށީގައި ހުންނަ 1000 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއަށް 1000 ޓަނު އިތުރުކުރާނެ

މޯލްޑިވް ގޭސް ކުންފުނީގައި ގޭސް ރައްކާކުރެވޭ ކެޕޭސިޓީ ހުރީ އެ ކުންފުނި ވުޖޫދަށް އައި އިރުވެސް ހުރި މިންވަރުގައި ކަން ހާމަވެއްޖެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ މޯލްޑިވް ގޭސް ވުޖޫދަށް އައިސްފައިވަނީ، 1999 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. އޭރުވެސް އެތަނުގައި ގޭސް ރައްކާކުރެވޭ ކެޕޭސިޓީ 1100 ޓަނުގައި ހުރިއިރު، މިވީ 20 އަހަރު ދުވަހުގެ ތެރޭގައި އެ ކެޕޭސިޓީއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މައުލޫމަތު ދެއްވަމުން އެ ކުންފުނީގެ ޗެއަރމަން އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝިފާން ވިދާޅުވީ މިހާރު އެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެ ކުންފުނިން އަންނަނީ ގދ. ތިނަދޫ ގޭސް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement

ތިނަދޫގައި ގާއިމްކުރާ ސްޓޯރޭޖްގައި 1500 ޓަނު އެއްފަހަރާ ރައްކާކުރެވޭ އިރު، އެ ސްޓޯރޭޖްގެ މަސައްކަތް ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވް ގޭހުން މައުލޫމާތު ދީފައިވެއެވެ. މިއީ ޖުމްލަ 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ ސްޓޯރޭޖެކެވެ.

ތިނަދޫގައި ގާއިމުކުރާ ފެސިލިޓީގެ ވިސްނުން ބޯޑުން ގެންގުޅޭތާ ފަސް އަހަރު ވެފައިވާ ކަމަށް ވިދާޅުވުމާ އެކު، މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ މިހާ ގިނަ ދުވަސް ވާންޖެހުނު ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިފާން ވިދާޅުވި ގޮތުގައި، ގިނަ ދުވަސް ހޭދަވީ އެސްޓީއޯގެ ބޯޑުގެ އެޕްރޫވަލް ހޯދުމާއި ޓެންޑަރިންގ ޕްރޮސެސްއާއި ފިނޭންސް ހޯދުމުގެ މަރުހަލާގައެވެ. އަދި މި މަރުހަލާ ކުރިއަށް ދިޔައިރު، އެސްޓީއޯގެ ބޯޑު ދެ ފަހަރެއްގެ މަތިން ބަދަލުވެފައިވާ ކަން ޝިފާން ފާހަގަކުރެއްވިއެވެ.

ވަކި އެމައުންޓަކަށް ވުރެ ބޮޑު (ނަމަ) އެސްޓީއޯގެ ބޯޑުން އެޕްރޫވަލް ހޯދަން ޖެހޭ. އެސްޓީއޯގެ ބޯޑަށް ފޮނުވާ މި ހުރިހާ ކަމެއް ކުރަން އަޅުގަނޑަށް ހީވަނީ، ދިޔަ ގާތްގަނޑަކަށް ބުނާ ނަމަ، ބޯޑުވެސް ދެ ފަހަރެއް މަތިން ބަދަލުވެފައި (ވަނީ). އެ ޕީރިއަޑް ތެރޭގައި ދިޔަ ގާތްގަނޑަކަށް ދޮޅު އަހަރު، (ޕްލޭން) ރަނގަޅުކޮށް މިކަންކަން ކުރުމަށްޓަކާ. އަޅުގަނޑުމެން ބަޔަކު ހޯދާ މިކަންކަން ކުރުމަށް ގާތްގަނޑަކަށް ހަ މަހެއްހާ ދުވަސް ދިޔަ ޓެންޑަރ ކުރުމާ މި ހުރިހާ ކަމެއް ކުރުމުގައި.
މޯލްޑިވް ގޭހުގެ ޗެއަރމަން އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝިފާން

މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ ދަތިތަކަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ، ފިނޭންސް ކުރާނެ ގޮތަކާއި ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފިނޭންސް ކުރާނީ އެސްޓީއޯއިންތޯ އާއި އެ ކުންފުނިން ލޯނެއް ނަގައިގެންތޯ ނޫނީ އެ ކުންފުނީގެ ކޭޝް ފްލޯއިންތޯ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެސްޓީއޯގެ ލަފަޔާ އެކު، ތިނަދޫ ގޭސް ސްޓޯރޭޖް ފެސިލިޓީއަށް ފައިނޭންސް ކުރަން ނިންމީ ބޭންކް ލޯނެއްގެ ޒަރިއްޔާއިންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެކަމަށް ޝިފާން ވިދާޅުވިއެވެ.

މި ވަރުގެ ޕްރޮޖެކްޓެއްގައި އަޅުގަނޑުމެން ފައިނޭންސް ކުރަންވީމަ، އެސްޓީއޯ ތްރޫކޮށް ކުރާނީތޯ، ނޫނީ ބޭންކުން ލޯނު ނަގައިގެން އަޅުގަނޑުމެން ކުރާނީތޯ، ނޫނީ އަޅުގަނޑުމެންގެ ކޭޝް ފްލޯއިންތޯ ފައިނޭންސް ކުރާނީ. އަޅުގަނޑުމެންނަށް މިކަހަލަ ފައިނޭންޝަލް (ކަންކަމުގައި) އިންސްޓްރަކްޝަން މިދެނީ އެސްޓީއޯގެ ބްލެސިންގއާ އެއްކޮށް. ދެން އެގޮތުން ބޭންކް ތްރޫކޮށް ލޯނު ނަގަން ވެސް ދިޔަ ފުދޭވަރެއްގެ ޕީރިއަޑްއެއް. މަސައްކަތް ހަވާލުކޮށްގެން މިކަން ކުރާތާ ވެއްޖެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް. އެއީ މެނުފެކްޗަރަރ ތްރޫކޮށް ބްލެޓްތައް ޕްރިޕެއަރކޮށް ކަންތައް ކުރަން.
މޯލްޑިވް ގޭހުގެ ޗެއަރމަން އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝިފާން

މިހާރު އެ ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތުގައި ކުރިއަށް ދަނީ، ބޭނުންވާ ތަކެތި ގެނެސް ތިނަދޫގައި ރޭވުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ރާއްޖޭގެ ދެކުނުން އޮންނަ އައްޑޫއަށާއި ހުވަދޫއަށާއި ފުވައްމުލަކުގެ އިތުރުން ލާމު އަތޮޅަށް ގޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ލުއިފަސޭހަތަަކެއް ލިބިގެން ދާނެ ކަމަށް މޯލްޑިވް ގޭހުން ވަނީ ފާހަގަކޮށްފައެވެ.

ތިލަފުށީގައި ހުރި ސްޓޯރޭޖްގެ ކެޕޭސިޓީ ބޮޑުނުކޮށް، ތިނަދޫގައި ފެސިލިޓީއެއް ގާއިމު ކުރަން ނިންމި ނިންމުމާ ބެހޭގޮތުން މެމްބަރަކު ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވް ގޭހުން ބުނީ، މީގެ އެންމެ ބޮޑު ބޭނުމަކީ ބެކް-އަޕް ފެސިލިޓީއެއް ހެދުން ކަމަށެވެ. އަދި ވަރަށް އަވަހަށް ތިލަފުށީގެ ސްޓޯރޭޖް 2000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މޯލްޑިވް ގޭހުގެ ފަރާތްތައް ހާޒިރުކުރެވުނީ، އެ ކުންފުނިން ނުއަގުގައި ގޭސް ގަންނަ މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާކަމަށް އެ ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން މަޝްވަރާ ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް