ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ސަރުކާރުގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ޕީޖީ ބިޝާމްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވެފައި އެވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ކަމަށް ޕީޖީ ބިޝާމު ވިދާޅު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދެއްވާފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ހޯމަ ދުވަހު ބޭއްވި ކޮމެޓީގެ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޕީޖީ ބިޝާމް އެދިވަޑައިގެންނެވުމުގެ މަތިން ސިއްރުކޮށްގެން ނެވެ.
އަންގާރަ ދުވަހު މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސިއްރުކުރި އެ ކޮމެޓީގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވައި، މަލީހުގެ ނަން ވިދާޅުވިކަމުގެ މަޢުލޫމާތު ނޫސްވެރިޔަކު ދީފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ޕީޖީ ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިހާތަނަށް އައިރު ތުހުމަތު ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންބާ އޭ ވިދާޅުވެ މިނިސްޓަރު މަލީހު ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ޕީޖީ އަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށްވެސް މަލީހު ވިދާޅުވެފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގިއިރު، މަލީހަކީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރެވެ. އަދި ރައީސް އޮފީހުގެ އޭރުގެ އިކޮނޮމިކް ކައުންސިލްގެ މެމްބަރެކެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް، 57 ފަޅުރަށާކާއި ފަޅުތަކެއް ހިމެނޭގޮތަށް ހިންގާފަިއވާ އެ ޚިޔާނާތާއި ގުޅިގެން އެންމެބޮޑަށް ތުހުމަތު ކުރެވިފައިވަނީ ރައީސް ޔާމީންގެ ސަރުކާރުންގެ އިސް ވެރިންގެ މައްޗަށާއި، އޭރު ހިނގަމުންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މައްޗަށެވެ.