ތޫނިސްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ގައިސް ސައީދު ކާމިޔާބުކުރައްވައިފި ކަމަށް އެ ގައުމުގެ އިންތިހާބާބެހޭ ކޮމެޓީއިން ބުނެފިއެވެ.
އެކޮމެޓީއިން ބުނީ ބުނީ ސައީދު އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ދާއިމީ ނަތީޖާ އިންތިހާބާ ގުޅޭ މައްސަލަތައް ބެލުމަށްފަހު އިއުލާން ކުރާނެކަމަށެވެ.
ސައީދާއި އެންމެ ކައިރިން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު ނަބީލް އަލްގުރަވީ ވަނީ ބަލި ގަބޫލް ކުރައްވާ ސައީދަށް މަރުހަބާ ދަންނަވާފައެވެ.
ތޫނިސްގެ އިންތިހާބާއި ބެހޭ ކޮމެޓީއިން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުގެ 69 އިންސައްތް ސައީދަށް ލިބިވަޑައިގެންފައިވާއިރު ގުރަވީ އަށް ލިބިވަޑައިގަތީ ވޯޓުގެ އެންމެ 29 އިންސައްތައެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ސައީދުވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ އޭނާގެ ވެރިކަމުގައި ތޫނިސް އިން ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މި އިންތިހާބުގައި އޭނާގެ ކެމްޕެއިންގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެ ދިނީ އެގައުމުގެ ޒުވާނުން ކަމަށާއި އެޒުވާނުންގެ ހުވަފެން ހަގީގަތަކަށް ހަދައިދީ މުޅިން އާ ތޫނިސްއެއް ބިނާ ކުރައްވާނެކަމަށެވެ.
ޔުނިވަރސިޓީ ތަކުގައި ކިޔަވައިދެއްވަން އުޅުއްވި ސައީދަކީ މީގެ ކުރިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ އުޅުއްވި ބޭފުޅެއް ނޫނެވެ. ތޫނިސް ރައްޔިތުންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލައްވަމުން އައި ނަޒާހާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.
ތޫނިސްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ސައީދަށް ގިނަ ފަރާތްތަކަކުން އަންނަނީ މަރުހަބާ ދަންނަވަމުންނެވެ.