ސްޕެއިންގެ ބައެއްކަމުގައިވާ ކެޓަލޯނިއާގެ ލީޑަރުންނަށްކުރި ހުކުމާއިއެކު އެ ސަރަހައްދުގައި އާންމުން އެއްވެ ހަމަނުޖެހުން ހިންގައިފިއެވެ.
ސްޕެއިންގެ ސްޕްރީމް ކޯޓުން ކެޓަލޯނިއާގެ ލީޑަރުންނަށް އިއްވައިފައިވަނީ ނުވަ އަހަރާއި 13 އަހަރާއި ދެމެދުގެ ހުކުމެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަމަނުޖެހުން ހިންގައިފައިވަނީ ކެޓަލޯނިއާ އަށް ނިސްބަތްވާ ބާސެލޯނާގެ އެއާޕޯޓެއްގައެވެ. ފުލުހުންނާއި އާންމުންގެ ދެމެދުގައި ހިނގި މި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.
ސްޕެއިންގެ އެންމެ މުއްސަނދި ސަރަހައްދުކަމަށް ބެލެވޭ ކެޓަލޯނިއާގައި ހިންގި މި ހަމަނުޖެހުންތައް އެއާޕޯޓްގެ އިތުރުން އެ ސަރަހައްދުގެ ބައެއް މަގުތަކުގައި ވެސް ވަނީ ކޮށްފައެވެ. ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއިދުކުރާ އާންމުން ހިންގި މި ހަމަނުޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުގެ މަގުތަށް ބަންދުވެ އެއްގަމު ދަތުރު ތަކަށްވަނީ ބުރޫ އަރާފައެވެ.
ސްޕެއިންގެ ކޯޓުން ކެޓަލޯނިއާގެ ބައެއް ލީޑަރުން ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު ސްޕެއިންގެ ސްޕްރީމް ކޯޓުން ވަނީ އެ ސަރަހައްދުގެ ރައީސް ކާލްސް ޕުޖްޑެމޮން ހައްޔަރު ކުރުމަށްވެސް އަމުރުކޮށްފައެވެ. މިގޮތަށް ސްޕެއިންގެ ކޯޓުން ކާލްސް ހައްޔަރު ކުރުމަށް އަމުރު ނެރުއްވި ނަމަވެސް ކާލްސް މިވަގުތު ދިރިއުޅުއްވަނީ ގައުމުން ބޭރުގައެވެ.
ހަމަނުޖެހުންތަކާއި މެދު ވާހަކަފުޅު ދައްކަވަމުން ކާލްސް ވިދާޅުވީ ކެޓަލޯނިއާ ރައްޔިތުންގެ ފަރާތުން މިހާރު ފެނިގެންދަނީ ސްޕެއިންގެ ކޯޓުން ނެރެމުންދާ ހުކުމްތަކަށް އެ ރައްޔިތުން ބޯނުލަބާނެ ކަން ކަމަށާއި ބަދަލުހިފުމުގެ ރޫހު އެ ރައްޔިތުންގެ ކިބައިން ފެނިގެންދާ ކަމަށެވެ.
ކެޓަލޯނިއާގެ އާބާދީގައި 7.5 މީހުން ހިމެނޭއިރު އެ ސަރަހައްދުގެ އާންމުން ދެކޭގޮތުގައި ކެޓަލޯނިއާގެ މުއްސަނދި ކަމުގެ ފައިދާ ލިބޭނީ އެގައުމުގެ ފަގީރު ސްޓޭޓް ތަކަށެވެ.