Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 17:40
ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޭސްބުކް
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ އުސޫލަށް ބަދަލ
ބަރ އިމްތިހާނާ ތަމްރީނު ޕްރޮގްރާމް ނިންމުމުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި
ބަރ އިމްތިހާނު އަހަރަކު އެއްފަހަރު މަދުވެގެން ބާއްވަން ޖެހޭ
އިމްތިހާނު އޮންނަ ތާރީހުގެ 90 ދުވަސްކުރިން އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިއުލާންކުރަންޖެހޭ

ބަރ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދު ބަރ ކައުންސިލުން އެކުލަވާލައިފިއެވެ.

ބަރ ކައުންސިލުން އާދީއްތަ ދުވަހު އާންމުކުރި ގަވާއިދުގައިވާ ގޮތުން އެ ގަވާއިދުގެ ދަށުން ވަކީލުގެ ކަމުގެ ހުއްދަ ދެވޭނީ ކަނޑައަޅާފައިވާ ބަރ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވާނަމައެވެ. މީގެ އިތުރުން ބަރ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުތުތަކެއް ފުރިހަމަވާ، އަދި ބަރ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވާ މީހެއް ކަމުގައިވާން ޖެހެއެވެ.

މި ގަވާއިދުގައިވާ ގޮތުން ބަރ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތަކެއް ފުރިހަމަވާ، އަދި ބަރ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނު ގެ 30 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ބަރ އިމްތިހާނު ފުރިހަމަކުރާންވާނެއެވެ.

ބަރ އިމްތިހާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް، ބަރ އިމްތިހާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާނުތައް ބޭއްވުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ. އަދި ކޮންމެ އަހަރަކު މަދުވެގެން 1 ބަރ އިމްތިހާނު ބަރ ކައުންސިލުން ބާއްވާންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ. މިގޮތުން ބަރ އިމްތިހާނު ބާއްވާނެ ތާރީހުތައް، އެ އިމްތިހާނު އޮންނަ ތާރީހުގެ 90 ދުވަސްކުރިން އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިއުލާންކުރަންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

މި ގަވާއިދުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ބަރ ކައުންސިލަށް ހުށަހަޅަންވާނީ، ވަކި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އެގޮތުން ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ބަރ ކައުންސިލަށް ހުށަހެޅުމުން، މިގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވެފައިވާކަން ލައިސެންސިންގ ކޮމިޓީން ކަށަވަރުކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.

އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ގާނޫނީ ވަކީލު ކަމުގެ ހުވާކުރުމުގެ އިންތިޒާމު އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސަންވާނެކަމަށް ބުނެފައިވެއެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާކުރުމަށްފަހު ގާނޫނީ ވަކީލުކަމުގެ ހުއްދަ އެ ފަރާތްތަކަށް ދިނުމާމެދު ގޮތެއް ނިންމާނީ ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތިން ކަމަށް ބުނެފައިވެއެވެ. އަދި ހުއްދަ ދިނުމަށް ނިންމައިފި ނަމަ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެކަން އެފަރާތަކަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް