Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 11:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރައީސް އޮފީސް
ބަޖެޓް 2020
ޤާނޫނުގައި ބުނާ މުއްދަތަށް ބަޖެޓް ހުށަހަޅާނަން: ފިނޭންސް މިނިސްޓަރ
ބަޖެޓަކީ ސަރުކާރުގެ ވައުދުތަކާއި، ސިޔާސަތުތައް ތަންފީޒްވާނެގޮތަށް ތައްޔާރުކޮށް، ހުށަހަޅާނެ ބަޖެޓެއް
ބަޖެޓްވެގެންދާނީ ސަރުކާރުން ފަށައިގަންނަން ބޭނުންވާ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތައްވެސް ފަށައިގަނެވޭނެ ފަދަ ބަޖެޓަކަށް
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓް

ޤާނޫނުގައި ބުނެފައިވާ މުއްދަތަށް 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ޤާނޫނުގައި ބުނާ މުއްދަތަށް 2020 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓް މަޖިލީހަށް ހުށަހެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

ފިނޭންސް މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ސަރުކާރުގެ ވައުދުތަކާއި، ސިޔާސަތުތައް ތަންފީޒްވާނެގޮތަށް ތައްޔާރުކޮށް، ހުށަހަޅާނެ ބަޖެޓެއް ކަމަށެވެ. އެގޮތުން ނޫ އިޤްތިސާދާއި، ޖަޒީރާ ދިރިއުޅުން އަދި މެނިފެސްޓޯގައިވާ ވައުދުތަކެއް ފުއްދުމުގެ މަސައްކަތްތައްކުރާނެ ބަޖެޓަކަށް، 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްވެގެންދާނެކަމަށް މިނިސްޓަ ވިދާޅުވި އެވެ.

އަޅުގަނޑުމެން ބޭނުންވަނީ މުޅި ބަޖެޓް ޕްރޮގްރާމް ބަޖެޓަކަށް ހެދުމަށް. އެކަމަކު މިހާރު އަޅުގަނޑުމެން ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު އަޅުގަނޑުމެން ޕައިލެޓް ޕްރޮގްރާމްތަކެއް އެބަ ހިންގަން އެކިއެކި މިނިސްޓްރީތަކާއި، މުއައްސަސާތަކާއެކު. މުޅި ބަޖެޓް ފަރުމާކުރެވޭނީ ޕްރޮގްރާމް ބަޖެޓަކަށް ނުވިނަމަވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޕްރޮގްރާމްތައް އޭގެއިން ރިފްލެކްޓްކުރެވޭނެ ބަޖެޓަކަށްވެގެންދާނެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓްވެގެންދާނީ ސަރުކާރުން ފަށައިގަންނަން ބޭނުންވާ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތައްވެސް ފަށައިގަނެވޭނެ ފަދަ ބަޖެޓަކަށް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ތަރައްޤީކުރުމުގެ ޕްރޮޖެކްޓްތަކާއި، ރާއްޖޭގެ ފަސް އަރބަން ސެންޓަރ ތަރައްޤީކުރުމުގެ ޕްރޮޖެކްޓުގެ އިތުރުން ރާއްޖޭގެ ފަސް ރަށެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ފަށައިގެން ކުރިއަށްގެންދާ ޕްރޮޖްކްޓައްވެސް ބަޖެޓުގައި ހިމެނިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޭގެއިތުރުން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ތަރައްޤީގެ ޕްރޮޖެކްޓުތައްވެސް ބަޖެޓުގައި ހިމެނޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މާލެ، ވިޔަފާރިވެރިންގެ ބަނދަރު ގުޅީ ފަޅަށް ބަދަލުކުރުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެންދާނެ ކަމަށެވެ.

އެހެންވީމަ، މި އަންނަ އަހަރުގެ ބަޖެޓަކަށްވެގެންދާނީ އަޅުގަނޑުމެން ރާއްޖޭގެ އިޤްތިސާދީ ދުވެލި އެތަށްގުނައަކުން ކުރިއަށްގެންދާނެ ބަޖެޓަކަށް.

ދައުލަތަށް އާމްދަނީ ލިބޭނެ އިތުރުގޮތްތައް ބަޖެޓުގައި ހިމަނޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އިންކަމް ޓެކްސްގެ އާމްދަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި ހިމެނޭނެކަމަށެވެ. އަދި އިތުރު ބައެއް ކަންތައްތައްވެސް ބަޖެޓުގެ އާމްދަނީ އިތުރުކުރުމުގެ ދާއިރާގައި ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބައެއް ބާވަތްތަކުން ނަގަމުންދާ ޑިއުޓީތައް ކަނޑާލެވިގެންދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑިއުޓީ ކަނޑާލެވޭ ތަކެތީގެ ތެރޭގައި ކުރިއަރުވަން ބޭނުންވާ ދާއިރާތަކަށް ހާއްސަ އިސްކަމެއްދެވޭނެކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ގެސްޓު ހައުސްގެ ވިޔަފާރިކުރިއެރުވުމަށް އޭގެތެރެއިން ލުއިގޮތްތައް ހިމަޖައްސައިދެވިގެންދާނެކަމަށް މިނިސްޓަ ވިދާޅުވި އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓް އެވެ. 2019 ވަނަ އަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުން ތައްޔާރުކުރި ބަޖެޓެކެވެ. އަދި އެ ބަޖެޓުގައި ސަރުކާރުގެ ބައެއް ވައުދުތައް ފުއްދުމަށް އެކަށޭނެ އަދަދުތަކެއް ނެތުމުން، ސަރުކާރަށް އެކަމުގެ ދަތިތައްވެސް ކުރިމަތިވެފައިވެއެވެ. އަހަރުގެ މެދުތެރެއިން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލެމެންޓްރީ ބަޖެޓެއްވެސް ހުށަހަޅާ ފާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް