ސައުދީޢަރަބިއްޔާގެ އިޤްތިޞާތީ އަދި އިޖްތިމާޢީ ގޮތުން ގެންނަ އިޞްލާޙު ޕްރޮގްރާމްގެ ދަށުން އަންހެނުންނަށް ސިފައިންގެ މަސައްކަތް ކުރެވޭ ގޮތަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އަންހެނުން ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން އެނިންމުން ނިންމާފައިވަނީ، އަންހެން އެކްޓިވިސްޓުންނާއި ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށްށެވެ.
އަންހެނުން ބާރުވެރިކުރަން އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ބުނެ ސައުދީ ޚާރިޖީ ވުޒާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އަންހެނުންނަށް ސިފައިންގެ ޕްރައިވެޓް ފަސްޓް ކްލާސް، ކޯޕަރަލް އަދި ސަރޖެންޓުގެ ގޮތުގައި މިހާރު މަސައްކަތް ކުރެވޭނެ ކަމަށެވެ.
ސައުދީ އަންހެނުންނަށް ފުލުހުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް ސައުދީން ވަނީ މިދިޔަ އަހަރު ނިންމާފައެވެ.
ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދަނީ ސައުދީ އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް މަޙުރަމަކާއި ނުލާ ދުއްވުމާއި ބޭރު ޤައުމުތުކަށް ދަތުރު ކުރުން ހިމެނެއެވެ.
އެ ބަދަލުތައް ގެންނަމުން އަންނަ ދަނޑިވަޅުގައި، އަންހެނުންގެ ޙައްޤުތަކަށް ވަކާލަތު ކުރައްވާ ލޫޖައިން އަލް-ހަތްލައުލްގެ އިތުރުން އިތުރު އެކްޓިވިސްޓްތަކެއް ވަނީ ހައްޔަރު ކޮށްފައެވެ.
ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ތެޔޮ އެކްސްޕޯޓްކުރާ ސައުދީން ދަނީ އެޤައުމުން އިޤްތިޞާދީ ގޮތުން ތެލަށް ބަރޯސާވެފައިވާމިންވަރު އިތުރަށް އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައި ފަތުރުވެރިން ގިނަ ކުރުމުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރަމުންނެވެ.