މައްސަލަ ބޮޑުވެގެން އުޅޭ އެމްޑީއެންއޭގެ ރިޕޯޓަށް ފިޔަވަޅު ނާޅަ ދޫކޮށްނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވާފައިވާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުޙައްމަދު ޢިޔާޒު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ދީނި ޢިލްމުވެރިން ވަނީ އެމްޑީއެން ރިޕޯޓްގަ ހުރި ކަންބޮޑުވުން ތަކާއި ގުޅޭ ގޮތުން ރައީސް ޞާލިޙާއި ބައްދަލުކުރަައްވާފައެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޒު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ރައީސް ޞާލިޙާއި ބައްދަލު ކުރެއްވީ މިހާރު އުފެދިގެން އުޅޭ ނުތަނަވަސް ކަމާބެހޭ ގޮތުން ކަމަށެވެ. ރައީސް ޞާލިޙު ވަރަށް ވަގުތު ދެއްވި ކަމަށާއި، ޢިލްމުވެރިންގެ މެދުގައި ހުރި ހުރިހާ ކަންބޮޑުވުން ތަކެއް ޙިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. ޑރ. ޢިޔާޒު ވިދާޅުވީ، ދީނާ ދެކޮޅަށް ކުރާ ކަންތައްތައް ހުއްޓުވުމަށްޓަކައި ކުރެވޭނެ ކަންތައްތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް ރައީސާ ޙިއްސާކޮށްފައިވާ ކަމަށެެވެ.
އެމްޑީއެންގެ ރިޕޯޓުގައި ދީނަށް ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ރައީސްވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، ރިޕޯޓަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގަ ޢާއްމުންގެ ގިނަ ފާޑުކިޔުންތައް ގިނަވުމުން އެ ޖަމިއްޔާ އިން ވަނީ އެ ރިޕޯޓު ނަގައި އެކަމަށް މާފަށް އެދި އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެފައެވެ. އެމްޑީއެންގެ މެމްބަރުކަމުގައި ހުންނެވި ރައީސް އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި މަސައްކަތް ކުރައްވާ ނޫޝަން ވަހީދު ވަނީ އަންގާރަ ދުވަހު އެ ޖަމްޢިއްޔާއިން އިސްތިޢުފާ ދެއްވާފައެވެ.