ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 21:04
ފަސް ރަށެއްގެ އެއަރޕޯޓް ހެދުމުގެ މަޝްރޫއު މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަސް ރަށެއްގެ އެއަރޕޯޓް ހެދުމުގެ މަޝްރޫއު މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އެއަރޕޯޓު ހެދުން
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
މަސައްކަތް ހަވާލު ކުރީ ތެލުގެ މަސައްކަތް ކުރާ ބަޔަކާ
މަޝްރޫއު ހިންގަނީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން
މަޝްރޫއު ކުރިއަށް ގެންދަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުފަހިވި ކަމަށް ކުންފުނިން ބުނި

ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން، މި މާޗް މަހުގެ 7 ވަނަ ދުވަހު 57.7 މިލިއަން ޑޮލަރަށް މެލޭޝިއާގެ ކުންފުންޏަކާ ޓޫރިޒަމް މިނިސްޓްރީން ހަވާލު ކުރި ވާހަކަ ޚަބަރުތަކުން ވަނީ އިވިގެން ގޮސްފައެވެ. މަސައްކަތް ހަވާލު ކުރީ ގްރީފޯން އެނާޖީ ކިޔާ ކުންފުންޏަކަށެވެ.

ގްރީފޯން އެނާޖީ އާ ހަވާލުކުރީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫ އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށެވެ.

މި ފަސް ރަށުގައި އެއަރޕޯޓު ހެދުމަށް ބަޔަކު ހޮވި ގޮތަކާމެދު ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާއިރު، އެއީ ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލުން ހޮވުނު ކުންފުންޏެއްކަން އެނގޭކަށް ނެތެވެ. އަދި ކޮން ކަންކަމަކާ އެއްބަސްވެގެން ހަވާލު ކުރެވުނު ބޮޑު މަސައްކަތެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނެތެވެ.

އެތައް މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއު ހަވާލު ކުރި ކުންފުންޏާބެހޭ ގޮތުން އެނގެން ހުރި މައުލޫމާތައް ބަލާއިރު އެއީ އެއްވެސް އިރެއްގައި އެއަރޕޯޓެއް ހެދި ބައެއް ނޫންކަން އެނގެއެވެ.

ގްރީފޯން އެނާޖީ ކިޔާ މިކުންފުނީގެ ތައާރުފްގައި އެކުންފުނީގެ ރަސްމީ ވެބްސައިޓްގައިވަނީ އެއީ ކަނޑުން ތެލާ ގޭސް ނެގުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ވާހަކަ ކިޔައިދީފައި ވާއިރު އޭގައި މުޅިންވެސް ހުރީ ތެލާ ގޭސް ނަގަން ތޮރުފާ ވާހަކައާއި، ތެލާއި ގޭސް ރައްކާކޮށް ބަލަހައްޓާ ވާހަކާއާއި އަދި އެއްތަނުން އަނެއް ތަނަށް ތެޔޮ އުފުލާ ވާހަކައެވެ.

2010 ވަނަ އަހަރު އުފެއްދާފައި މިކުންފުންޏަކީ ތެލާ ގޭހުގެ ދާއިރާގައިވެސް އަދި މާ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކުންފުންޏެއް ނޫނެވެ. ކުންފުނީގެ އެސެޓްތަކުގައިވެސް ހުރި ކަމަށް ރަސްމީ ވެބްސައިޓްގައި އެއަރޕޯޓް ހެދުމާ ގުޅޭ އެސެޓް ހުރިކަމަކަށް ބުނެފައެއް ނުވެއެވެ. އެހެނެއް ނޫނެވެ. ތެލާއި ގޭހާ ގުޅޭ އެސެޓްތަކެއްގެ މައުލޫމާތު ހާމަކޮށްފައިވެއެވެ. އަނެއް ކޮޅުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގައިވެސް މުޅިން ތިބީ ހަކަތައިގެ ދާއިރާގައި ތަޖުރިބާ ލިބިފައި ތިބި މީހުންނެވެ.

ރާއްޖެއިން ހަވާލު ކުރި 5 އެއަޕޯޓް ހެދުމުގެ މަޝްރޫއާއެކު ގްރީފޯންއަށް މުޅިން އައު ދާއިރާއަކަށް ވަދެވުނީ ކަމަށް ވެދާނެއެވެ.

ދިވެހި ސަރުކާރުން އެއަރޕޯޓް ހަދަން ހަވާލު ކުރީ އެއަޕޯޓް ހެދުމުގެ ތަޖުރިބާއެއް ގާބިލް ކަމެއް ހުރި ކުންފުންޏެއް ކަމަށް ނުވާއިރު، ގްރީފޯން ކުންފުނިން އަމިއްލައަށް މި އެއަރޕޯޓުތައް ހަދާނެ ކަމަކަށް ނުބެލެވެއެވެ. އެކުފުނިން މަޝްރޫއު ކުރިއަށް ގެންދާނީ އިތުރު ސަބްކޮންޓްރެކްޓަރުން ތަކަކަށް ހަވާލު ކޮށްގެންނެވެ. ސަބްކޮންޓްރެކްޓަރުންނަށް މަޝްރޫއު ހަވާލު ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން މަޝްރޫއުގެ އަގު ގައިމުވެސް ހެވެއް ނުވާނެއެވެ. އަނެއް ކޮޅުން، ސަބްކޮންޓްރެކްޓަރުންނާ ހަވާލު ކުރިއަސް ސަބްކޮންޓްރެކްޓަރުން މަސައްކަތް ކުރާ ގޮތާއި ފެންވަރު މައި ކުންފުންޏަށް ބެލޭނީ އެކުންފުންޏަކީ އެދާއިރާގައި ފުންނާބު އުސް ކުންފުންޏަކަށް ވެގެން ނޫންބާވައެވެ؟ ހަމަ ގައިމުވެސް އެއަރޕޯޓް ހެދުމުގެ ދާއިރާގައި ގްރީފޯންއަކީ އެއްވެސް ގޮތަކުން ފާހަގަ ކުރެވޭ ކުންފުންޏެއް ނޫނެވެ.

ފަސް އެއަރޕޯޓު ހެދުމަށް ހެދުނު ޑީލަކީ ޓެންޑަރ ކުރުމެއްނެތި، އަޑި ނޭގޭ ގޮތެއްގައި ހެދުނު ޑީލެއްގެ ދަށުން ހަވާލު ކުރެވުނު މަޝްރޫއެއްގެ ގޮތުގައި ބެލެވެއެވެ. އަދި އެއީ އެކުންފުންޏާ އުފެދުނު ކޮންމެވެސް ބާވަތެއްގެ ގުޅުމެއްގެ ދަށުން ހަވާލު ކުރެވުނު ބޮޑު މަޝްރޫއެއްގެ ގޮތުގައި ބެލެވެއެވެ.

މިކަން ހާމަވަނީ ސޮއި ކުރި ރަސްމިއްޔާތުގައި ގްރިފޯން ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރ ވިދާޅުވި ކަމަށް ރާއްޖޭގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ވާހަކަ ތަކުންނެވެ. އޭނާ ވިދާޅުވީ، ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރަން އައީ މީގެ މަސްތަކެއް ކުރިން ކަމަށެވެ. އަދި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަޝްރޫއާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއަރޕޯޓް އާ ގުޅުމެއް ނެތް ބަޔަކާ މަޝްރޫއު ހަވާލު ކުރީ އެއީ ތެލުގެ ވިޔަފާރި ކުރާ ކުންފުންޏަކަށް ވުމުން ކުންފުނީގެ ފައިސާގައި އެކަން ކުރެވޭނެ ގާބިލްކަން ހުރި ކަމަށް ބަލާފައި ކަމަށް ވިސްނިދާނެއެވެ. އެކަމަކު އެކަންވެސް އޮތީ އެހެނެއް ނޫނެވެ. ގްރީފޯން އެނަރޖީއާ މަސައްކަތް ހަވާލު ކުރީ އެކުންފުނިން ލޯނެއް ނަގާ ގޮތަކަށެވެ. އެލޯނަށް ޒިންމާވަނީ ދިވެހި ސަރުކާރުންނެވެ. އެ ލޯނަށް ސަރުކާރުން އެކުންފުންޏަށް ސޮވަރިން ގެރެންޓީވެސް ވަނީ ދީފައެވެ.

ވީއިރު، އެއަރޕޯޓް ހެދުމުގެ އެއްވެސް ތަޖުރިބާއެއް ގާބިލް ކަމެއް ނެތް ބަޔަކަށް ދިވެހި ދައުލަތުން ޒިންމާވާ ގޮތައް 57 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން މިކަން ކުރަން ވިސްނީ ކޮން ހަމަޔަކުން އުސޫލަކުން ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭގުނެވެ.

- ކޮމެންޓް
15 މާރޗް 2017 | ބުދަ 07:43
މޭކަރާދޯ
ބްރިޖްގެ މަަސައްކަތް ސސސސ އާހަވާލުކުރީމަވެސް ތިހުރިހާ އަނގައެއް ތެޅީމެންނު، ތިއުޅެނީ ފިތުނަ ފަސާދަ އުފައްދަން
13 މާރޗް 2017 | ހޯމަ 10:17
އިބޫ
ޖަރުމަނުގެ ބަޔަކާ ކުޅުދުއްފުށި ހޮސްޕިޓަލް ތާޝިއަރީ ފެންވަރަށް ގެނައުމަށް ހަވާލުކުރި ހަވާލުކުރުމާ އެއާރޕޯޓް އަޅަން މެލޭޝިޔާ ބަޔަކާ ހަވާލުކުރި ހަވާލުކުރުމަމާ އެއްވެސް ތަފާތެއް ނެތެވެ. ކޮންމެ ބަޔަކުވެސް ބަލަނީ އެބަޔެއްގެ ބޮނޑި ބޮދުކުރެވޭތޯއެވެ. ގޮވަނީ ގުދޯ ގުދޯ އެވެ. ރައްޔިތަކަށް ހެއްވެއް އެދޭ ވެރިއެއް ނުފެނެއެވެ. ހުރި ހިތާމައެއްގެ ބޮޑޫކަމާއެވެ.
12 މާރޗް 2017 | އާދީއްތަ 16:59
hUba
Senior Modis people involved in this project will share 50% of the project cost as sales commission.