ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 19:26
މަޓުއިޑީ
މަޓުއިޑީ
ގެޓީ އިމޭޖަސް
މަޓުއިޑީ
މަޓުއިޑީ ޔުވެންޓަސްގެ އެއްބަސްވުން އާކުރުމާ ގާތަށް
ޔުވެންޓަސްއާއެކު މަޓުއިޑީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގައި

ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރ ބްލައިސް މަޓުއިޑީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، އަންނަ ސީޒަނަށްފަހު މަޓުއިޑީ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ކަމަށާއި، އޭނާއަށް އާ އެއްބަސްވުމެއް މިހާރު ޔުވެންޓަސްއިން ހުށަހަޅާފައިވާ ކަމަށެވެ.

އެ ނޫހުން ބުނީ އާ އެއްބަސްވުމާމެދު މަޓުއިޑީވެސް ހިތްހަމަ ޖެހޭ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އާ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

ފްރާންސްގެ ޓްރައިސްއިން ކެރިޔަރު ފެށި މަޓުއިޑީ ވަނީ ވަނީ ޕީއެސްޖީއަށްވެސް ކުޅެފައެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވީ ޕީއެސްޖީ ދޫކޮށް 2017 ވަނަ އަހަރުގެ ސީޒަނުގައެވެ.

މަޓުއިޑީ ވަނީ ޕީއެސްޖީއަށް ކުޅުނު 295 މެޗުގައި 33 ލަނޑު ޖެހުމުގެ އިތުރުން އެ ކްލަބާއެކު ހަތަރު ލީގް ތަށި، ހަތަރު ފްރެންޗް ކަޕް އަދި ހަތަރު ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ޔުވެންޓަސްއަށް މިހާތަނަށް މަޓުއިޑީ 96 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު ދެ ލީގު ތަށި، އެއް އިޓާލިއަން ކަޕް އަދި އެއް އިޓާލިއަން ސުޕަކަޕް ކާމިޔާބުކޮށްފައެވެ.

ފްރާންސް ގައުމީ ޓީމަށް ކުޅުނު 82 މެޗުގައި މަޓުއިޑީ ނުވަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ފްރާންސް ޓީމާއެކު މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް