Advertisement
ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 17:59
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އަޒުމޫން އަހުމަދު
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
އައިޖީއެމްއެޗުގައި ފްލޫ ކްލިނިކް ހުޅުވާފައިވަނީ ހޮނިހިރު ދުވަހު
މިދުވަސް ވަރު ދަނީ ވައިރަލް ހުން ފެތުރެމުން

އައިޖީއެމްއެޗްގައި ރޯގާ އާއި ހުމަށް ޚާއްސަކޮށްފައިވާ ކްލިނިކުން އިއްޔެ އެކަނި 38 ފަރާތަކުން ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާތީ، މާލޭގައި ޑޮކްޓަރަށް ދެއްކުން ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗް ގައި "ފުލޫ ކްލިނިކު"ގެ ނަމުގައި ހޮނިހިރު ދުވަހުން ފެށިގެން ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.

ކްލިނިކު ހޮނިހުރި ދުވަހު ހުޅުވާފައިވާ އިރު އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން މިދުވަސް ވަރު ގިނަ އަދަދެއްގެ ބަޔަކު ވައިރަލް ހުމާ ރޯގާ ޖެހިގެން ދަނީ ފަރުވާ ހޯދުމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ވައިރަލް ހުމުގައި އެޑްމިޓް ކުރަން ޖެހޭ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ ޔުނިޓްގެ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވީ، ފްލޫ ކްލިނިކަށް ދެއްކުމާއި ލޭ ނެގުމާއި އެޑްމިޓް ކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމް އެ ހޮސްޕިޓަލުގައި ހަމަޖެހިފައިވާ ކަމަށެވެ. މި ކްލިނަކަށް ގޮސް މެމޯ ހެއްދުމުގެ އިންތިޒާމް ހަމަޖެހިފައިވާ އިރު ކޮންމެ ވަގުތެއްގައިވެސް ދެ ޑޮކްޓަރުން ބަލި މީހުން ބެލުމުގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ފްލޫ ކްލިނިކްގައި ލެބް ޓެކްނީޝަނެއްވެސް ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރު ފެތުރެމުންދާ ވައިރަލް ހުމާއި އަރިދަފުސް ރޯގާ އާއި ގުޅިގެން އެޗްޕީއޭ ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، މިހާރު ފެތުރެމުންދާ އަރިދަފުސްރޯގާ އާއި ވައިރަލް ހުމަކީ ގައިން ގަޔަށް ފަސޭހައިން އަރާ ބަލިތަކަށް ވުމާ އެކު މި ބަލިތަކަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިވުމަށް ސަމާލުވާންޖެހޭ ކަމަށް ބުނެފަ އެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ކެއްސާ ކިހިބިއަޅާއިރު އަނގަމައްޗާއި ނޭފަތް ފޮރުވޭ ގޮތަށް އެއްޗެއް ބޭނުން ކުރުމާއި އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ. އެގޮތުން ސައިބޯނި ލައިގެން އަތްދޮވުމާއި ރޯގާޖެހިއްޖެ ހާލަތެއްގައި ކުޑަކުދިންނާ ކައިރިނުވުމާއި އެކުދިން އުރާ ނުހެދުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. މީގެ އިތުރުން ހުން އައިސް ރޯގާ ޖެހިގެން ތިން ދުވަސް ވެއްޖެ ނަމަ ޑޮކްޓަރަކަށް ދެއްކުމަށާއި ގިނައިން ދިޔާ އެއްޗެހި ބުއިމާ، ހުންގަދަވެއްޖެ ނަމަ، ގައިގާ ފެން ހޭކުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް