ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 05:58
ބްރޫޖްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ބްރޫޖްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބްރޫޖުން ރެއާލް ހިފެހެއްޓިއިރު، ޕީއެސްޖީ މޮޅުވެއްޖެ
ބްރޫޖް އަދި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
ޕީއެސްޖީ މޮޅުވީ ގަލަސަތަރާއިއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން

ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖުން ރެއާލް މެޑްރިޑް ހިފެހެއްޓިއިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އޭގައި ކުޅުނު މެޗުން ބްރޫޖް އަދި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރޫޖުންނެވެ. މި ލަނޑު ހަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓައުގެ އެހީތެރިކަމާއެކު ޑެނިސްއެވެ.

މި ލަނޑާއެކު ރެއާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ފުލުފުލުގައި ބްރޫޖްގެ ހާފަށް ރެއާލުން ވަނީ ނުރައްކާކޮށްފައެވެ. އަދި ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއްވެސް އެޓީމުން ވަނީ ހޯދާފައެވެ.

ނަމަވެސް ބްރޫޖުން ވަނީ 39 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސްއެވެ.

ދެވަނަ ހާފް ފެށިގެން ރެއާލުން ކުޅުމަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް މި ހާފްގައި ތަނަވަސްކޮށްފައެވެ.

ރެއާލުން ނަތީޖާގެ ފަރަގު ކުޑަކުރީ 55 ވަނަ މިނެޓުގައެވެ. މި ލަނޑު ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކެޕްޓަން ސާޖިއޯ ރާމޮސްއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ބްރޫޖުގެ ވޯމާއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އޭގެ މިނެޓެއް ފަހުން ރެއާލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ މި ލަނޑު ޓޯނީ ކްރޫޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކަސަމީރޯއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. ބްރޫޖް އޮތީ ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ..

މި ގްރޫޕްގައި ހިމެނޭ ޕީއެސްޖީ އާއި ގަލަސަތަރާއި ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ޕީއެސްޖީން ވަނީ ކާމިޔާބުކޮށްފައެވެ.

ގަލަސަތަރާއި ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ޕީއެސްޖީންނެވެ. އެގޮތުން އެޓީމުން ވަނީ ގަލަސަތަރާއިގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.

މި ހާފްގައި ގަލަސަތަރާއިގެ ފަރާތުންވެސް ހަމަލާތައް ފެނިގެންދިޔައެވެ. އަދި ލީޑު ނެގުމަށްވެސް އެޓީމަށްވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޕަބްލޯ ސަރަބިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މައުރޯ އިކާޑީއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ގަލަސަތަރާއި އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް