ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 06:00
ބަޔާންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ބަޔާންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގް : ބާޔާނުން ޓޮޓްނަމް އަމިއްލަ ދަނޑުގައި ލަދުގަންނަވާލައިފި
ގްރޫޕް ބީގައި ކުޅުނު މެޗުން ބަޔާން އަތުން ޓޮޓެންހަމް ބަލިވީ 2-7 ގެ ނަތީޖާއަކުން

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަޔާން މިއުނިކުން ޓޮޓެނަމް ހޮޓްސްޕާ ލަދުގަންނަވާލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް ބީގައި ކުޅުނު މެޗުން ބަޔާން އަތުން ޓޮޓްނަމް ބަލިވީ 2-7 ގެ ނަތީޖާއަކުންނެވެ.

ޓޮޓްނަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެނެވެ. އެގޮތުން 12 ވަނަ މިނެޓުގައި ސިސޯކޯގެ އެހީތެރިކަމާއެކު ސޮން ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑުވެސް ނަގާފައެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބަޔާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމިޗްއެވެ. މި ލަނޑާއެކު އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

އެގޮތުން ފުލުފުލުގައި ބަޔާނުން ދިޔައީ ޓޮޓްނަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ބަޔާނުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ ފަހުކޮޅެވެ. މި ލަނޑު ގަނަބްރީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބާޓް ލެވެންޑޯސްކީއެވެ.

ދެވަނަ ހާފް ފެށިގެން ބަޔާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި އެޓިމަށް ޕަވާޑްގެ އެހީތެރިކަމާއެކު ގަނަބްރީ ލަނޑު ޖަހާފައިވާއިރު، އޭގެ ދެ މިނެޓު ފަހުން ޓޮލީސޯގެ އެހީތެރިކަމާއެކު އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

ޓޮޓްނަމުން 61 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ހެރީ ކޭންއެވެ. މި ލަނޑާއެކު ޓޮޓްނަމުން ކުޅުން ރަނގަޅުކުރަން މަސައްކަތްކުރިއެވެ.

ނަމަވެސް 83 ވަނަ މިނެޓުގައި ގަނަބްރީ ވަނީ ތިއާގޯ އަލަކަންޓާރާގެ އެހީތެރިކަމާއެކު އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ފިލިޕޭ ކުޓީނިއޯގެ އެހީތެރިކަމާއެކު ލެވެންޑޯސްކީ ހަވަނަ ލަނޑު ޖަހާފައިވާއިރު، މިނެޓެއް ފަހުން ގަނަބްރީ ވަނީ ޓޮލީސޯގެ އެހީތެރިކަމާއެކު އެޓީމުގެ ހަތްވަނަ ލަނޑު ޖަހާފައެވެ.

މިއީ މުބާރާތެއްގައި ޓޮޓްނަމް ކޮޅަށް އަމިއްލަ ދަނޑުގައި އެންމެ ގިނައިން ލަނޑު ޖެހި ފަހަރެވެ. އަދި މިއީ ޔޫރަޕްގެ މުބާރާތެއްގައި އިނގިރޭސި ޓީމެއް އަމިއްލަ ދަނޑުގައި މިހާބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރަށެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޓޮޓްނަމް އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް