Advertisement
ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 15:40
ލަންކާގެ ސްނައިޕަރެއް ކަމަށް ބުނެ ދައުވާ ކޮށްފައިވާ ލަހިރު މަދުޝަންކަ
ލަންކާގެ ސްނައިޕަރެއް ކަމަށް ބުނެ ދައުވާ ކޮށްފައިވާ ލަހިރު މަދުޝަންކަ
މިހާރު
ސްނައިޕަރު މައްސަލަ
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
ސްނައިޕަރުގެ އަންހެނުން ވަނީ ފޮރިން މިނިސްޓްރީ އަށް މައްސަލަ ހުށަހަޅާފަ
ލަންކާ ފޮރިން މިނިސްޓްރީން ދަނީ ރާއްޖެއާ މަޝްވަރާ ކުރަމުން
ޝަރީއަތް ހުއްޓިފައި އޮންނަތާ ފަސް މަހަށް ވުރެ ގިނަ ދުވަސް

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރާއްޖެ ގެނައި ސްރީ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނެ ދައުވާ ކޮށްފައިވާ، ލަހިރު މަދުޝަންކަގެ ޝަރީއަތް އަވަސް ކޮށްދިނުމަށް އެގައުމުގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

 

ސްރީ ލަންކާގެ އޮންލައިން ނޫހެއް ކަމަށްވާ، ކޮލޮމްބޯ ޕޭޖުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަދުޝަންގެ އަންހެނުން ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އަށް މަދުޝަންކަ މިނިވަންކޮށް އެނބުރި ގައުމަށް ގެނެސްދިނުމަށް އެދި މައްސަލައެއް ހުށަހަޅާފަ އެވެ.

 

ސްރީ ލަންކާގެ ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާޒް ޑިރެކްޓަރު ސީއޭއެޗްއެމް ވިޖަރަތްނެއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، މަދުޝަންކަގެ މައްސަލަ އަށް އެގައުމުގެ ފޮރިން މިނިސްޓަރާއި ފޮރިން ސެކްރެޓަރީ ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ވިޖަރަތްނެއާ ހަވާލާދީ ބުނެފައިވެ އެވެ.

 

ބޭރުގެ ގައުމެއްގެ ޝަރުއީ ނިޒާމުގައި އޮތް މައްސަލައެއްގެ ތެރެއަށް ލަންކާ އަސް ނުވަދެވޭނެކަން ފާހަގަކޮށް، ވިޖަރަތްނެ ވިދާޅުވެފައިވަނީ މަދުޝަންކަގެ މައްޗަށް ހިންގާ ޝަރީއަތް އަވަސް ކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

 

ރައީސް ޔާމީން އަވަހާރަކޮށްލުމަށް ގެނެސްފައިވާ ސްނައިޕަރެއް ކަމަށް ބުނެ މަދުޝަންކާ ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އަހަރެއްހާ ދުވަހު ދޫނިދޫގައި ބަންދުކޮށްފައި ބޭއްވުމަށް ފަހު މަދުޝަންގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

 

މަދުޝަންގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ފަޒީލް ހަމީދުގެ އިތުރުން އިސްހާގު ހުސެއިންގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ދައުވާ ކޮށްފަ އެވެ.

 

އެ ދައުވާގެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. ސިއްރުކޮށްގެން ބޭއްވި އެ އަޑުއެހުމުގައި، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކަކު އޭނާ އަށް ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން ބަޔާނެއް ނެގުވި ކަމަށް ބުނެ، ތަހުގީގަށް ދިން ބަޔާނަށް އިންކާރުކުރި ހިސާބުން އެ ޝަރީއަތް ވަނީ ހުއްޓިފަ އެވެ.

 

އެ މައްސަލައިގައި އަޑުއެހުމެއް ނުބާއްވާތާ މިހާރު ފަސް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް