އޮޕޮޒިޝަނަކީ، ކޮންމެ ޑިމޮކްރަސީ އެއްގައިވެސް، އޮތުން ލާޒިމް އެއްޗެކެވެ. އެއީ އޭރަކު އޮންނަ ސަރުކާރަކަށް ހެދޭ ގޯސްތައް ބުނެދޭ ފަރާތެވެ. ސަރުކާރު ޤާނޫނީ އިމުން ބޭރުވެ، އިންސާނީ ޙައްގުތަކާ ފެޔަށް ޖެހޭނަމަ، ނުވަތަ ކަރަޕްޝަނާ ފަސާދަ، އެ ސަރުކާރެއްގެ ތެރޭގައި ހިލަން ވެލާހިނދު، މިކަންކަމާ ދެކޮޅަށް އަޑު އުފުލަން އޮންނަ ފަރާތެވެ.
މިދެންނެވި ފަދައިން، ރަނގަޅު ކުރާންޖެހޭ ކަންކަން، ހަމަ މަގަށް އަޅުވައި، ރަނގަޅު ކުރަންވީ ކަންކަމާއި ގޮތް ބުނެދޭ ފަރާތަކީ އޮޕޮޒިޝަނެވެ. އަދި އެކަން ކަމަށް ސަރުކާރުން ބީރު ކަންފަތެއް ދޭނަމަ، އެ އަޑު އުފުލާ، ރައްޔިތުންގެ ސަމާލުކަމަށް، އެކަމެއް ގެނެސްދޭ ފަރާތަކީވެސް، އެއިރަކު އޮންނަ އޮޕޮޒިޝަނެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގެ ކުރު މާޒީއަށް ބަލާއިރު، އެމް.ޑީ.ޕީ އާއި، ޑީ.އާރު.ޕީ އޮފޮޒިޝަނުގެ ދައުރު އަދާކުރި ދުވަސްވަރު، އޮޕޮޒިޝަނެއްގެ މުހިންމުކަން ރާއްޖެއިން ފެނުނެވެ. އެހެންކަމުން އޮޕޮޒިޝަނަކީ، ހަމައެކަނި ޑިމޮކްރަސީއެއްގައި، މުހިންމު ތަނބަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައިވެސް، އެއީ މުހިންމު ދައުރެއް އަދާކުރި ފަރާތެއްކަން، ޤަބޫލު ކުރާން ޖެހެއެވެ.
މިސާލަކަށް ދަންނަވާނަމަ، "އޮޕޯޒް" ކުރުމާއި "ޕްރޮޕޯޒް" ކުރުމަކީ، އޮޕޮޒިޝަނެއްގެ މައިގަނޑު އެއް ދައުރެވެެ. ހަމަ އެހެންމެ އޮޕޮޒިޝަނެއް އޮތުމުގެ މައިގަނޑު އެއް ބޭނުމަކީވެސް މިއެވެ. ސަރުކާރު ޖަވާބުދާރީ ކުރުމެވެ. ސުވާލަކީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގައި، އިދިކޮޅު ފަރާތުން، އޭގެ ޙަގީގީ ދައުރު އަދާކުރާތަން، މިއަދު އެބަ ފެނޭ ހެއްޔެވެ؟ އެއް ބައެއްގެ ނަޒަރުގައި، "ދަތްހުރި" އޮޕޮޒިޝަނެއް، ރާއްޖޭގައި މިވަގުތަކު ނެތެވެ. އަދި އެކަމުގެ ފަޅުކަންވެސް އެހައިމެ ބޮޑެވެ. އެއީ މިއަދުގެ ޙަޤީގަތް ނަމަ، ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް، ދެން ފެންނާނީ ކޮން ވަގުތަކު ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް، އުފަންވަމުން އަންނަ ސުވާލެކެވެ.
ރައްޔިތުންގެ މަޖިލީހުގައި އެކަށޭނަ އަދަދެއްގެ މެންބަރުން ތަމްސީލުކުރާ، ހަރުދަނާ އޮޕޮޒިޝަނެއް، ރާއްޖޭގައި ފެންނާން ނެތުމުގެ ސިއްރަކީ، ބައެއް މީހުން ދެކޭ ގޮތުގައި ބޮޑު ސިއްރެއް ނޫނެވެ. އެއީ ވަރަށް ސާފު ޖަވާބެކެވެ.
އޮޕޮޒިޝަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބިފައިވި ނާކާމިޔާބީގެ ފަހަތުގައި އޮތީ، މީގެ ސާފު ޖަވާބެކެވެ. ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، ޖަލަށް ލެވުނު ސިޔާސީ ހައްޔަރީން، ކޯޓުން މިނިވަން ވެގެން ދިޔައެވެ. ނާއިންސާފުއައިސް، އިންސާފާ އަރާ ހަމަކުރާނެ ކަމަށް، ގިނަ ބަޔަކަށް، މިކަމުން ޤަބޫލު ކުރެވުނެވެ. އޭގެތެރޭގައި އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ފަދަ، ކިތަންމެ މައްސަލައެއް، ފެންމަތިވެގެން ދިޔަ ދިއުންވެސް ހިމެނެއެވެ. މިއީ މިކަމުގައި އެކި ފަރާތް ތަކުން ފާޅުކޮށްފައިވި ޚިޔާލު ތަކެވެ.
ޑިމޮކްރަސީއެއްގައި އޮޕޮޒިޝަނަކީ، ހުރިހާ މާނައެއްގައިވެސް، މުހިންމު ދައުރެއް އަދާކުރާ ފަރާތެކެވެ. އެއީ ހަރުދަނާ ތަނބެކެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި އެއީ މުހިންމު ޙިއްސާދާރެކެވެ. ޙިއްސާދާރަކަށް ވަނީ، ސަރުކާރު ޖަވާބު ދާރީ ކުރުވާތީއެވެ. ސަރުކާރަށް ފާރަވެރިވާ ބަޔަކީ އެބަޔަކަށް ވީތީއެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ މި ކުރު މާޒީގައި ކަންދިމާވިގޮތުން، މިއަދު އޮޕޮޒިޝަނުގެ ގޮތުގައި، ފެންނާން މިއޮތީ، ނިމިދިޔަ ސާރުކާރު ހިމެނޭ ޕާޓީއެވެ. އެހެން ޕާޓީތައް އޮތީ ސަރުކާރު ކޮއެލިޝަނުގައެވެ.
ޑިމޮކްރެޓިކް ހަމަތަކުން، ކަން ކުރުމުގައި، ނިމިދިޔަ ސަރުކާރު، ބޮޑުތަނުން ފެއިލްވެފައިވާކަމަށް، ބުނާމީހުން، އެހެން އެ ބުނަނީ، ފަހުން، ކޯޓުން މިނިވަންކުރި، ސިޔާސީ އެތައް ލީޑަރުންގެ މައްޗަށް، އެ ސަރުކާރުގެ ދުވަސްވަރު ހިނގި ޝަރީޢަތްތަކަށްވެސް، ރިޢާޔަތް ކޮށްފައި ކަމަށް ވެދާނެވެ. މިނޫންވެސް މިފަދަ ބައެއް ކަން ކަމަކަށް، އަނެއް ބަޔަކު އިޝާރަތް ކުރެއެވެ. އޭގެ ތެރޭގައި މަޝްހޫރު އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތަކީވެސް، އިޝާރަތްކުރެވޭ ކަމެކެވެ. އެހެން ނަމަވެސް އަނެއް ބައެއްގެ ނަޒަރުގައި، އެ ސަރުކާރު ކަންކުރިގޮތް ގޯހެއް ނޫނެވެ.
ޑިމޮކްރަސީތަކުގައި ޚިޔާލު ތަފާތު ވުމަކީ، އޮންނަ ކަމެކެވެ. މިސާލަކަށް ކަނާތުފިޔަ އާއި ވާތުފިޔަ ފެންނާން އޮންނަ ޕާލަމެންޓު ތަކުގައެވެ. އެފަދަ މަޖިލީސް ތަކުގައި ތިބޭ ފިކުރާއި ފަލްސަފާގެ ގޮތުން، ޚިޔާލު ތަފާތު ވިންގުތަކަށް، "ލެފްޓު ވިންގާއި, ރައިޓް ވިންގު" ކިޔަނީވެސް އެހެންވެއެވެ. އެއް ބަޔަކަށް ޑިމޮކްރެޓިކް އުސޫލުތަކުގެ ފިކުރު ކަމުދާއިރު، އަނެއް ބަޔަކަށް ކަމުދަނީ، ޑިމޮކްރަސީއާ އެހާ ރައްޓެހިނޫން، ފިކުރެވެ. ކޮންމެ އަކަސް ފެންނަނީ ދެ ވިސްނުމެކެވެ. ދެ ފިކުރެކެވެ. އެއީ ދެ ފިޔަ އެކެވެ.
އެފަދަ މަޖިލީސް ތަކުން، މިހައިތަނަށް އިވެމުންއައި މިދެންނެވި ފަދަ އަޑުތަކަށް ބަލާއިރު، ގައުމެއްގައި ތަފާތު ޚިޔާލުތައް، ސިޔާސީ ކަންކަމުގައި އޮތުމަކީވެސް، ޠަބަޢީ ކަމެކެވެ. އެއީ ޙައިރާންވާންވީ ކަމެއް ނޫނެވެ.
ކޮންމެ އަކަސް، މާޒީގައިވެސް، ތަފާތު މަސްލަޙަތައް ފައިހަމަކުރާ ފިކުރުތަކެއް އޮތް ދިވެހި މުޖުތަމަޢުން، މިއަދު ފެންނާން އޮތީ، ޕާޓީ ސިސްޓަމެވެ. ނަމަވެސް، މިއިން ކޮންމެ ޕާޓީއަކީ، ވޭތުވެދިޔަ ތާނގައި، އެވަގުތަކު، ޕާޓީ ސިޔާސީ ގޮތުން އޮތް މަޤާމުގައި، އަދާކުރަންޖެހުނު ދައުރު، އަދާކުރި ޕާޓީ ތަކެކެވެ.
މިސާލަކަށް ރައީސް މައުމޫނުގެ ވެރިކަމުގައި އެމް.ޑީ.ޕީ. އޮޕޮޒިޝަނެއްގެ ގޮތުގައި އޮވެ، ތަފާތު މަރުޙަލާތަކާއި ޙާލަތް ތަކުގައި، އަދާކުރަމުން ގެންދިޔައީ ހަރުދަނާ ދައުރެކެވެ. ޤާނޫނު އަސާސީ އިސްލާޙުކުރި ޚާއްސަ މަޖިލީހުގެ އިތުރުން، އޭރު އޮތް ރައްޔިތުންގެ މަޖިލީހުގައިވެސް، އެ ޕާޓީން އޮޕޮޒިޝަންގެ ދައުރު އަދާކުރިއެވެ. ހަމަ އެހެންމެ އެމް.ޑީ.ޕީގެ ވެރިކަމުގައި، ޑީ.އާރު.ޕީ އޮޕޮޒިޝަނުގެ މަޤާމުގައި އޮވެ، އަދާކުރީވެސް ހަރުދަނާ މަޤާމެކެވެ.
ރައީސް ވަޙީދުގެ ސަރުކާރުގައި، އެމް.ޑީ.ޕީ އޮޕޮޒިޝަނެއްގެ ގޮތުގައި ފެނުނު ޙަރަކާތްތެރި މަޤާމާއި، ރައީސް ޔާމީންގެ ސަރުކާރުގައި އެމް.ޑީ.ޕީއާއި ގުޅިފައިވާ އޮޕޮޒިޝަން އިއްތިޙާދު، ޔާމީން ސަރުކާރު ޖަވާބު ދާރީ ކުރުމުގައި، ދެއްކި ފަދަ، ހަރުދަނާ ޙަރަކާތްތެރިވާ އޮޕޮޒިޝަނެއް، މިއަދު ފެންނާންކަށް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ރައްޔިތުން ދީފައި އޮތީ، އެމް.ޑީ.ޕީއަށެވެ. މިހެން މިކަން ވުމުގައި، ނިމިދިޔަ ދައުރުގައި ރައްޔިތުން ކުރި ތަފާތު ތަޖުރިބާ ތަކަކީ، މިއަދު މި މަންޒަރު ފެންނާން މެދުވެރިވި ސަބަބު ކަމުގައި އެއްބަޔަކު ދެކެއެވެ.
އެހެން ނަމަވެސް، ހަރުދަނާ އަދި "ދަތްހުރި" އޮޕޮޒިޝަނެއް ފެންނާނެ ވަގުތަކާމެދު، ކުރެވޭ ސުވާލުގެ ސާފު ޖަވާބު ހޯދޭނީ، އެކަމުގެ ފުރިހަމަ ދިރާސާ އަކުންނެވެ. އެނގޭ ކަމަކީ، ހަރުދަނާ މަގާމެއްގައި މިއަދު އޮތް އޮޕޮޒިޝަނެއް، ފެންނާން ނެތް ކަމެވެ.
މިވަގުތު އޮޕޮޒިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީގެ އިސް ސަފުން ފެންނަ މުންދިޔަ، އޭރުގެ ނައިބު ރައީސް އާއި، ޕީ.ޖީ ލީޑަރާއި ބައެއް ވަޒީރުންނާއި، އިސް ސަފުން ފެންނަމުންދިޔަ ބައެއް މޫނުތައް، މިއަދު ފެންނާން ތިބީ، ސަރުކާރުގެ ކޮއެލިޝަންގެ އެއް ބައިވެރިއެއް ކަމުގައިވި ޖޭ.ޕީ ގެ ތެރެއިންނެވެ.
ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް، ދެން ފެންނާނީ ކޮން ވަގުތަކު؟ މިހެން، މި ސުވާލު ކުރެވެނީ، ބަދަލު ވަމުންދާ މިމަންޒަރު ތަކާއި ހެދިއެވެ. ފެންނާން އޮތް އޮޕޮޒިޝަންވެސް ރޫޅެމުން ދާތީއެވެ. އޭގެ މުހިންމު ތަނބުތައް، އޭގެ ފައުންޑޭޝަނުން ނެއްޓޭތީއެވެ.
އޮޕޮޒިޝަނުން ވަކިވެގެން އެދަނީ، ވަކިވަކި ފަރުދުން ތަކެއް ނޫނެވެ. އެއިން ކޮންމެ މީހަކީ، ޕާޓީ ޕޮލިޓިކްސްގައި ނަމަ، ކޮންމެވެސް މިންވަރެއްގެ ލީޑަރުން ތަކެކެވެ. އެމީހުން ލީޑުކުރާ ގްރޫޕް ތަކެއް އޮންނާނެއެވެ. މިދެންނެވި މަންޒަރު އޮޕޮޒިޝަނުން ފެންނަމުންދާއިރު، އޮޕޮޒިޝަނަކުން ޒިންމާދާރު ގޮތެއްގައި ފެންނާން ޖެހޭ ދައުރުވެސް އެހާމެ ފަނޑެވެ.
ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް، ދެން ފެންނާނީ ކޮން ވަގުތަކުތޯ ސުވާލު ކުރެވެނީ މިހެންވެއެވެ. މިފެންނަ މަންޒަރު ތަކުންނެވެ. ހާފްކަލަރު ފޮތިގަނޑަކުން ކުލަ ބަދަލުވާހެން، ދިހުން ވަމުން އަންނަ ކުލަ ތަކުންނެވެ. އެ ކުލަތަކުގެ ތެވެލިން، އެ ފެންނަ ޙަރަކާތް ތަކުންނެވެ.
އެއް ބައެއްގެ ނަޒަރުގައ "ދަތްހުރި" އޮޕޮޒިޝަން ޕާޓީއެއް ފެނުމުގެ ވަގުތަކީ، ރިޔާސީ އިންތިޚާބެއް، ދެން ބޯމަތިވާ ވަގުތެވެ. އެހެން ކަމަށް ވާނަމަ، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި، މި ހިނގާ ރިޔާސީ ދައުރު ފެންނާނީ، އެފަދަ "ދަތްހުރި" އޮޕޮޒިޝަނެއް، ނެތުމުގެ ފަޅުކަމުގެ ތެރޭގައި ހެއްޔެވެ؟ މިއީވެސް ކުރެވޭ ސުވާލެކެވެ!