ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 07:23
ސިޓީ އަދި ޕްރެސްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ސިޓީ އަދި ޕްރެސްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ލީގް ކަޕް
ލީގް ކަޕް: ސިޓީ އާއި އާސެނަލް ހަތަރުވަނަ ބުރަށް، ޓޮޓެންހަމް ކަޓައިފި
ސިޓީ މޮޅުވީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ޕްރެސްޓަން ނޯތު އެންޑްއާ ބައްދަލުކޮށް 0-3 ގެ ނަތީޖާއަކުން
އާސެނަލް މޮޅުވީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ނޮޓިންގަމްއާ ބައްދަލުކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ޓޮޓެންހަމް ބަލިވީ ލީގް 2 ގައި ވާދަކުރާ ކޮލްޗެސްޓާ ޔުނައިޓެޑާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން

ލީގް ކަޕްގައި މެންޗެސްޓަރ ސިޓީ އާއި އާސެނަލް ހަތަރުވަނަ ބުރަށް ދަތުރުކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާ ކަޓައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ޕްރެސްޓަން ނޯތު އެންޑްއާ ބައްދަލުކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ޕްރެސްޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 19 ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެރިކް ގާސިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ މޮޅަށް ކުޅެމުންނެވެ. އެގޮތުން 35 ވަނަ މިނެޓުގައި ސްޓާލިންގެ އެހީތެރިކަމާއެކު ގެބްރިއަލް ޖީސަސް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑަކީ ޕްރިސްޓަންގެ ލެޑްސޮން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ދެވަނަ ހާފްގައިވެސް ސިޓީއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް މާ އެދެވޭ ގޮތެއްގައި ދެވަނަ ހާފްގައި ނުހިފެއެވެ.

މުޅި މެޗުގައިވެސް ޕްރިސްޓަންއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކޭއިރު، ލަނޑު ޖެހުމަށްވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބިފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ނޮޓިންގަމް ފޮރެސްޓްއާ ބައްދަލުކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް އެޓީމުން ވަނީ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އާސެނަލްއިން މެޗުގެ ލީޑު ނެގީ 31 ވަނަ މިނެޓުގައެވެ. މި ލަނޑު ޗެމްބާސްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިނެލީއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލްއިންނެވެ. އެގޮތުން އެޓީމުން ވަނީ 71 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ނެލްސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ހޮލްޑިންގއެވެ.

އާސެނަލްގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ބެލެރިންގެ އެހީތެރިކަމާއެކު ވޮލޮކް ކާމިޔާބުކުރި އިރު، ހަތަރުވަނަ ލަނޑު 84 ވަނަ މިނެޓުގައި ޗެމްބާސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ނެލްސަންއެވެ.

އާސެނަލްއިން ފަސްވަނަ ލަނޑު ކާމިޔާބުކުރީ އިތުރުވަގުތުގައެވެ. މި ލަނޑު ޗެމްބާސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާޓިނެލީއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ ލީގް 2 ގައި ވާދަކުރާ ކޮލްޗެސްޓާ ޔުނައިޓެޑާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

ކޮލްޗެސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެފައިވަނީ ޓޮޓެންހަމުންނެވެ. އެގޮތުން އެޓީމުން ވަނީ ކޮލްޗެސްޓާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

ނަމަވެސް ކޮލްޗެސްޓާއިން ވަނީ ޓޮޓެންހަމް ހިފަހައްޓައި، އެޓީމުން އުފެއްދި ހަމަލާތައް ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އެޓީމުން ވަނީ މުޅި މެޗުގައިވެސް މޮޅު ޑިފެންސެއް ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު ވަނީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ކޮލްޗެސްޓާއިން ޓޮޓެންހަމްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ޕެނަލްޓީ ޖަހައިފައިވަނީ ޓޮޓެންހަމުންނެވެ. މި ޕެނަލްޓީ ކްރިސްޓިއަން އެރިކްސަން ފޮނުވާލިއިރު، ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. ނަމަވެސް ކޮލްޗެސްޓާގެ ޕެނަލްޓީ ނޮރިސް ވަނީ ކާމިޔާބުކޮށްފައެވެ.

ޓޮޓެންހަމްގެ ދެވަނަ ޕެނަލްޓީ ޑެލެއަލީ ގޯލު ތެރެއަށް ފޮނުވާލިއިރު، ކޮލްޗެސްޓާގެ ދެވަނަ ޕެނަލްޓީ ނޮބުލް ވަނީ ގޯލަށް ވައްދާލާފައެވެ. ޓޮޓެންހަމްގެ ތިންވަނަ ޕެނަލްޓީ އެރިކް ލަމެލާ ކާމިޔާބުކުއިރިރު، ކޮލްޗެސްޓާގެ ބްރައުން ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވެއެވެ.

ޓޮޓެންހަމްގެ ހަތަރުވަނަ ޕެނަލްޓީ ސޮން ކާމިޔާބު ކޮށްފައިވާއިރު، ކޮލްޗެސްޓާގެ ހަތަރުވަނަ ޕެނަލްޓީ ކޯވަން ހޯލް ވަނީ ކާމިޔާބުކޮށްފައެވެ. ޓޮޓެންހަމްގެ ފަސްވަނަ ޕެނަލްޓީ ލޫކަސް މޯރާއަށް ކާމިޔާބުނުވިއިރު، ކޮލް ޗެސްޓާގެ ފަސްވަނަ ޕެނަލްޓީ ލެޕްސައިލް ވަނީ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް