ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 07:35
ބާސާ ކުޅުންތެރިން އުފާ ފާޅުކުރަނީ
ބާސާ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ:
ސްޕެނިޝް ލަލީގާ: ބާސާ މޮޅުވިއިރު، އަނެއްކާވެސް މެސީއަށް އަނިޔާވެއްޖެ
ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 1-2 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ވިޔަރެއާލް އަތުން ބާސެލޯނާ މޮޅުވިއިރު، އަނެއްކާވެސް އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް އަނިޔާ ވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ.

މި ލަނޑާއެކު ބާސާއިން އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، 15 ވަނަ މިނެޓުގައި ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ސާޖިއޯ ބުސްކެޓްސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަރތަރއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިޔަރެއާލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އިބޯރާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސަންޓީ ކަޒޯލާއެވެ.

ފުރަތަމަ ހާފްގައި މެސީގެ ފަޔަށް ތަދުވެގެން ފަރުވާ ހޯދާފައިވާއިރު، ފުރަތަމަ ހާފްގެ ފަހުކޮޅު އޭނާއަށް ރަނގަޅަށް ނުކުޅެވެއެވެ. އެގޮތުން ދެވަނަ ހާފް ބާސާއިން ފެށީ މެސީ ބޭލުމަށްފަހު ޑެމްބެލޭއާއެކުގައެވެ.

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށްވެސް ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ވިޔަރެއާލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

ލީގުގައި އަންނަ ހުކުރު ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވިޔަރެއާލް ނިކުންނައިރު، ރަށުން ބޭރުގައި ހޮނިހިރު ދުވަހު ބާސާ ނިކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް