ކ. މާލެ
|
10 މާރޗް 2017 | ހުކުރު 19:39
 ރޮސްޓޯވް އާއި ޔުނައިޓެޑްގެ މެޗުގައި ރޮސްޓޯވްގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ޔުނައިޓެޑްގެ މާކަސް ރޮހޯ މަސައްކަތްކުރަނީ
ރޮސްޓޯވް އާއި ޔުނައިޓެޑްގެ މެޗުގައި ރޮސްޓޯވްގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ޔުނައިޓެޑްގެ މާކަސް ރޮހޯ މަސައްކަތްކުރަނީ
ރޮއިޓަރސް
ޔޫރޮޕާ ލީގު
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
އެއްވަރު ވުމުގެ ފައިދާ ބޮޑި ޔުނައިޓެޑަށް
ރޮސްޓޯވްގެ ދަނޑުގެ ފެންވަރާ މެދު ޝަކުވާކުރި

ޔުރޮޕާ ލީގުގެ ގަދަ 16 ގައި ރަޝިއާގެ އެފްސީ ރޮސްޓޯވް އާއި އިނގިރޭސި މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ ކުރިތިންލުން އެއްވަރުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ މި ދެ ޓީމުގެ ފުރަތަމަ ކުރިތިލުން ނިމިފައި ވަނީ 1-1 އިން އެއްވަރުން ވެގެންނެވެ.

 

ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން މެޗުގައި ފުރަތަމަ ލަނޑެއްޖަހާ ލީޑް ނަގާފައި ވަނީ ޔުނައިޓެޑުންނެވެ.

 

ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ތަނަވަސްކޮށްލަދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ މިކިތާރްޔަންއެވެ.

 

ރޮސްޓޯވުން އެއްވަރުކުރީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދިނީ އަލެކްޒެންޑާ ބުހަރޯފްއެވެ.

 

ރޭގެ މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ރޮސްޓޯވްގެ ދަނޑުގައި ކުޅެން އުނދަގޫވެގެން އުޅުނުތަނެވެ.

 

ރޮސްޓޯވްގެ ސްޓޭޑިއަމް ކަމަށްވާ އޮލިމްޕް-2 ސްޓޭޑިއަމްގެ ހާލަތާއިމެދު ހިތްހަމަ ނުޖެހިގެން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވާހަކަ ދައްކާފައިވެއެވެ.

 

މި ދެޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައެވެ.

 

ފުރަތަމަ ކުރިމަތިލުން އެއްވަރު ވުމުގެ ފައިދާ އޮތީ ޔުނައިޓެޑަށެވެ. އެގޮތުން ރަށުން ބޭރުގައި ލަނޑެއް ޖެހިފައިވާތީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ލަނޑެއް ނުޖެހި އެއްވަރުވިޔަސް ޔުނައިޓެޑަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް