Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 18:56
ޑައިވަރުންތައް ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ހަދާފައިވާ ބެނާއަކާއެކު
ޑައިވަރުންތައް ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ހަދާފައިވާ ބެނާއަކާއެކު
ރާއްޖެއެމްވީ
ގްލުކޯމާ ޑައިވް
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
ގްލުކޯމާ އަކީ ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލުވާލާ ބައްޔެއް
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް މޯލްޑިކެއާ އާއި ޑައިވް ޑެސްކް
ޑައިވަރުންގެ ލޮލުގެ ޗެކްއަޕް ވަނީ ހިލޭ ހަދާދީފަ

ގްލުކޯމާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިކެއާ އާއި ޑައިވް ޑެސްކް ގުޅިގެން ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި އެވެ.

 

ބައިނަލްއަގްވާމީ ގްލުކޯމާ ހަފްތާ ފާހަގަކުރުމުގެ ގޮތުން މޯލްޑިކެއާ އިން ހުކުރު ދުވަހު ފެށި ހަރަކާތުގައި 18 ޑައިވަރުން ބައިވެރިވި އެވެ. މޯލްޑިކެއާގެ ލޮލުގެ ސްޕެޝަލިސްޓް ޑޮކްޓަރު ޑެވިން ޕްރަބާކަރް ވަނީ ހަރަކާތުގައި ބައިވެރި ޑައިވަރުންގެ ލޮލުގެ ޓެސްޓް ހިލޭ ހަދާދީފަ އެވެ.

 

މޯލްޑިކެއާ އިން ބުނިގޮތުގައި ޑައިވް ހަރަކާތް އިންތިޒާމްކުރީ ލޮލުގެ ފެނުން ގެއްލުވާލާ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުވައި، މި ބަލީގައި ލޮލުގެ ފެނުން ގެއްލުވުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.

 

ފޭދޫ ފިނޮޅު ކައިރީގައި އޮންނަ ސީވޯލް ޑައިވިން ސްޕޮޓްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި، ޑޮކްޓަރު ޑެވިން ޕްރަބާކަރް ވަނީ ގްލުކޯމާ އިން ސަލާމަތްވުމަށް ލޮލުގެ ޓެސްޓްތައް ހެދުމުގެ މުހިންމުކަން ޑައިވަރުންނަށް ކިޔާ ދެއްވާފަ އެވެ.

 

ޑޮކްޓަރު ވިދާޅުވީ ގްލުކޯމާ އަކީ ލޮލުގެ ނާރުތަކަށް ޖެހޭ ބައްޔެއް ކަމަށާއި އެ ބައްޔަށް ފަރުވާ ކުޑަކޮށްފިނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެ ބައްޔަކީ ވަރަށް އާންމު ބައްޔެއްކަން ފާހަގަކުރައްވާ ޑޮކްޓަރު ވިދާޅުވީ ބަލީގެ ނިޝާންތައް ފެންނަން ފެށުމާއެކު އަވަހަށް ފަރުވާ ހޯދައިފިނަމަ މިއީ ފަސޭހަވާ ބައްޔެއް ކަމަށެވެ.

 

ޑޮކްޓަރު ވިދާޅުވި ގޮތުގައި އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ގްލުކޯމާ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑައިވަރުން މި ބައްޔަށް ސަމާލުކަންދޭންޖެހޭނެ ކަމަށް ފާހަގަކުރައްވާ ޑޮކްޓަރު ވިދާޅުވީ، ޑައިވިން އަށް ދިއުމުގެ ކުރިން ހުރިހާ ސާމާނުތަކެއް ޗެކްކުރާ ފަދައިން ލޮލާއި މެދު ސަމާލުވާންޖެހޭ ކަމަށެވެ.

 

ޑޮކްޓަރު ޑެވިން ޕްރަބާކަރަކީ އިންޑިއާގެ ޑީވްޔާ ޕްރަބާ އައި ހޮސްޕިޓަލުގެ ވެރިޔާ އެވެ. ޑޮކްޓަރު ޕްރަބާކަރު މޯލްޑިކެއާގައި ބަލި މީހުން ބައްލަވަ އެވެ.

 

އެ ހަރަކާތުގައި ބައިވެރިވި ޑައިވަރުންނަށް މޯލްޑިކެއާ އިން ވަނީ ހިލޭ ޑެންޓަލް ޗެކްއަޕެއް ވެސް ދިނުމަށް ނިންމާފަ އެވެ. ޑެންޓަލް ޗެކްއަޕް ހެދުން ބާއްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އެވެ.

 

ޑައިވް ޑެސްކުން ބުނީ، އެ ޑައިވް ސެންޓަރުން އެ ހަރަކާތުގައި ބައިވެރިވީ ގްލުކޯމާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިކެއާ އާއި ޑޮކްޓަރު ޕްރަބާކަރް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. އަދި ޑައިވަރުންގެ ލޯ އެންމެ ފުރިހަމަ ސިއްޚަތެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ވެސް ފާހަގަ ކުރި އެވެ.

 

ތަފާސްހިސާބުތައް ދައްކާ ގޮތުން ގްލުކޯމާ ބަލީގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 4.5 މިލިއަން މީހުންގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. އަދި އެ އަދަދު 2020 އާ ހަމައަށް ދާއިރު 11.2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް