މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން އަންގާރަ ދުވަހު ފެށި އޮޕަރޭޝަން ބުދަ ދުވަހު ވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މަރު ކޮމިޝަންގެ ބޭނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ބުދަ ދުވަހު ފުލުހުން ފާސްކޮށްފައިވާ ތަންތަނުގެ ތެރޭގައި ސީކްރެޓް ރެސިޕީ ހުންނަ އިމާރާތާއި، މ. ޕީޓްރަލްގެ އާއި ހުޅުމާލޭގައި ހުންނަ ފްލެޓް ނަންބަރު 127 އާއި ގާކޮށީ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓަކާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ކުރިމަތިން ހުންނަ އިމާރާތް ހިމެނެއެވެ.
ބުރާސްފަތި ދުވަހު ފުލުހުން މިހާތަނަށް ފާސްކުރަން ފަށާފައިވަނީ މ. ލެގޫންވިއު ކިޔާ ގެއެކެވެ.
މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން މާލެ އާއި އައްޑޫގައި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު ސިފައިން ދަނީ މާލޭގެ އެކި މަގުތަކުގައި ފޯރިމަރަމުންނެވެ.
މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައެވެ. އޭނާ ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.