Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 06:51
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް
މިހާރު
ރައީސް މައުމޫން
ރައީސް މައުމޫންގެ އޮފީހުގައި ދިވެހި ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގައިފި
ފުލުހުން މިހެން އަންގާފައިވަނީ ހޯމް މިނިސްޓްރީން ނެރުނު އުޞޫލަކާއި ހަވާލާދީ
ދިދަ ބެނުން ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ: މައުމޫން

ހ. ތެމާގައި ހިންގަމުންދާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގައިފިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް، ޢަބްދުލް އަލީމް އާދަމް ވިދާޅުވީ، ހޯމް މިނިސްޓްރީއިން ނެރެފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އައު އުޞޫލާއި ހަވަލާދީ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިދަ، އެގޮތައް ނުނެގޭނެކަމަށް، ބުރާސްފަތި ދުވަހުގެރޭ އޭނާއަށް ގުޅައި، ފުލުހުން އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވީ، ޕާޓީގެ އޮފީހަކަށް ނުވާތީ ދިދަ ބޭނުން ނުކުރެވޭނެ ކަމަށްވެސް ފުލުހުން އަންގާފައިވާ ކަމަށެވެ.

އަދި އެ ދިދަ ތިރިކުރުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވައިދިނުމަށް ފުލުހުން އެދުމުން، ރައީސް މައުމޫން މިވަގުތު ރާއްޖޭގައި ނެތުމާއި، ފުލުހުން އޮފީސް ހުޅުވައިދިނުމަށް އެދުނީ ރަސްމީ ގަޑީގައި ނޫންކަމުން، އޮފީސް ހުޅުވައި ނުދެވޭނެކަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ޤައުމީ ދިދަ ނުނެގޭނެ ކަމަށް ފުލުހުން އެންގުމާއި ގުޅިގެން، މިވަގުތު އިންޑިއާގެ ބެންގަލޫރޫގައި ހުންނެވި ރައީސް މައުމޫން އާއި ހަވާލާދީ، އަލީމް ވިދާޅުވީ، ރައީސް މައުމޫންގެ ވިސްނުންފުޅަކީ، ޤައުމީ ދިދައަކީ ރައްޔިތުންގެ މިލްކެއް ކަމުން، އެ ދިދަ ބޭނުންކުރުމުގެ ފުރިހަމަ އިޚުތިޔާރު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށެވެ.

މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ހޯމް އެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އައު އުޞޫލުގެ މަޤްޞަދަކީ، ޤައުމީދިދައިގެ ޝަރަފާއި ޢިއްޒަތް ހިފެހެއްޓޭ ފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ބަހައްޓަންވީ ގޮތާއި، އަދި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރުން ކަމަށް އެ އުޞޫލުގައިވެއެވެ.

މި އުޞޫލުގައި ޤައުމީ ދިދައިގެ ކުލަތަކާއި ސިފަ އަދި ދިދައިގެ މިންތައް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ހުންނަންވާނެ ތަންތަނާއި، ވަކި ވަގުތެއްގައި ދިދަ ނަގާފައި ހުންނަން ވާނެ ތަންތަން ވެސް ބަޔާންކޮށްފައި ވެއެވެ.

މި އުޞޫލުގައި ވާގޮތުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގެ އެހެން ދިދައަކާއެކު ޤައުމީ ދިދަ ބޭނުންކުރާ ނަމަ، ޤައުމީ ދިދަ ނަގާފައި ހުންނަންވާނީ އެ ދިދައެއްގެ ކަނާތްފަރާތުގައި އެހެން ދިދަ ތަކަށް ވުރެ އުސްކޮށް ކަމަށް ބަޔާންކޮށްފައި ވެއެވެ.

ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކާއި އެހެނިހެން ކުންފުނި ފަދަ ތަންތަން ފިޔަވައި އާންމު އެހެން ތަނެއްގައި ޤައުމީ ދިދަ ނަގާ ނަމަ ނަގަންވާނީ ހޯމް މިނިސްޓްރީ އިން ލިޔުމަކުން ހުއްދަ ހޯދައިގެން ކަމަށް ވެސް މި އުޞޫލުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް