Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 05:15
އަބްދުﷲ ޝާހިދު އެމްޑީޕީ ގައުމީ މަޖިލީހުގައި
އަބްދުﷲ ޝާހިދު އެމްޑީޕީ ގައުމީ މަޖިލީހުގައި
މުހައްމަދު ޝަރުހާން
ދިއްދޫ އެމްޑީޕީ ޖަލްސާ
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ރަސްމީކޮށް އެމްޑީޕީ ފަށައިފި
އައްޑޫ ސިޓީ އަދި ދިއްދޫގައި ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފަ
ޝާހިދު ވަނީ އިދިކޮޅު ފަރާތްތަކުން ބަލިކުރާނެ ކަމަށް ވިދާޅުވެފަ

އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލާނީ، ރައީސް ނަޝީދު އަނެއްކާވެސް ވެރިކަމަށް ވަޑައިގަންނަވާ ހިސާބުން ކަމަށް ހެންވޭރު އުތުރު ދައިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދައިރާގެ މެންބަރު، އަބްދުﷲ ޝާހިދު ވިދާޅުވީ، އޭޕްރީލް 15 ވަނަ ދުވަހަކީ މި ސަރުކާރުގެ ތިން އަހަރާއި ފަސް މަސް ވީއިރު ކަން ކުރި ގޮތާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރެވޭނެ ދުވަސް ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރާ ދެކުނުން ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކައުންސިލް މެންބަރުންނަކީ ކެރޭ ތައުލީމީ ގާބީލް ބަޔެއް ކަމަށާއި މިއީ ހަމަގައިމުވެސް މި ސަރުކާރު ބަދަލުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަދި ހުރިހާ ރައްޔިތުން ކެރިގެން ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑު ތަނުން ބަލި ކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ސަރުކާރަށް ހެޔޮއެދޭ މީހަކު ހުރި ނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާ އަރިހުގައި އެބަ ދަންނަވަން ޖެހޭ، އިއްޒަތްތެރި މަނިކުފާނޭ، ތިޔަކަން ކުރާގޮތް ކަމަކު ނުދެއޭ". ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިފަހުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ކުރިން ކަރަންޓު ބިލަށް 700 ރުފިޔާ އަރާ ގޭގެއަށް މިހާރު 1500 ރުފިޔާ އެރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދާއި އެމްޑީޕީކުރާ މަސައްކަތް ހުއްޓާލާނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމަށް އަނބުރާ ގެނައުމަށް ފަހު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިފެށުނީ ސަރުކާރު ބަލިކުރުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން ކާމިޔާބު ހޯދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިއްތިހާދުގެ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗް ކުރުމަށް ދިއްދޫގައި ބޭއްވި މި ޚާއްސަ ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް