ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 20:31
މަޓިއޯ ޑާމިއަން
މަޓިއޯ ޑާމިއަން
ގެޓީ އިމޭޖަސް
މަޓިއޯ ޑާމިއަން
ޔުނައިޓެޑު ދޫކޮށް ޑާމިއަން ޕާމާއަށް ބަދަލުވެއްޖެ
ޑާމިއަން ޕާމާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ޔުނައިޓެޑު ދޫކޮށް އެ ކްލަބަށް ކުޅެމުން އައި އިޓަލީގެ ޑިފެންޑަރ މަޓިއޯ ޑާމިއަން ޕާމާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ޑާމިއަން ޕާމާއަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިކަން ޔުނައިޓެޑު އަދި ޕާމާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޑާމިއަން ޕާމާއަށް ބަދަލުވިއިރު، އޭނާ ޔުނައިޓެޑާއެކު ހެދި އެއްބަސްވުން ހަމަވާ ގޮތަށް އޮތީ 2020 ވަނަ އަހަރެވެ. ނަމަވެސް އެ އެއްބަސްވުން ވަނީ ބާތިލުކޮށް، އޭނާއަށް ކްލަބް ދޫކޮށްލަން ފުރުސަތު ދީފައެވެ.

ޔުނައިޓެޑު ދޫކޮށްލަން މިދިޔަ ޓްރާންސްފާގައިވެސް ޑާމިއަން މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު އޭނާއަށް ކްލަބް ދޫކޮށްލަން ޔުނައިޓެޑުން ފުރުސަތު ދީފައެއް ނުވެއެވެ.

ޑާމިއަން މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް އެންމެ ހަތް މެޗު ކުޅެފައިވާއިރު، މި ސީޒަނުގައި އޭނާ އަދި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

އިޓަލީގެ އޭސީ މިލާން އާއި ޕަލާމޯ އަދި ޓޮރީނޯއަށް ވެސް ކުޅެފައިވާ ޑާމިއަން ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 92 މެޗު ކުޅެ، އެއް ލަނޑު ޖަހާފައެވެ.

އުމުރުން 29 އަހަރުގެ ޑާމިއަން ވަނީ ޔުނައިޓެޑާ އެކު އެފްއޭކަޕް، ލީގް ކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

އިޓަލީ ގައުމީ ޓިމަށް 36 މެޗު ކުޅެފައިވާ ޑާމިއަން ވަނީ އެޓީމަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް