ގެއްލުވާލި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ ތަހުޤީޤްކުރުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެއްކުރެވުނު މައުލޫމާތު އާންމުކޮށްފައިވާއިރު، އެ މައުލޫމާތުތަކުން ވަނީ މީގެކުރިން ނޭނގުނު އެތަށް މައުލޫމާތެއް އެނގިގެންގޮސްފަ އެވެ. ރިލްވާން ގެއްލުވާލީ ކޮންބައެއް ކަމާއި، އެކަންކުރީ ކިހިނެއްކަންވެސް ކޮމިޝަނުން ވަނީ ހޯދާފަ އެވެ. އަދި އެވަރުން ނިންމާލުމުގެ ބަދަލުގައި އެކަންކުރި ފަރާތްތަކުގެ މަސައްކަތް ފެށި ހިސާބުވެސް ކޮމިޝަނުން ވަނީ ހޯދާފަ އެވެ.
9 މަސް ދުވަހުގެ މަސައްކަތްތަކަށްފަހު ކޮމިޝަންގެ މައުލޫމާތުތައް ހާމަކުރުމާއެކު، އެކަމާ އެންމެ ހިތް ހަމަނުޖެހުނު ބަޔަކަށްވީ ކުރީގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެ މައުލޫމާތުތައް އާންމުކުރުމާއެކު އެއީ މީގެކުރިންވެސް އެނގޭ ކަންކަންކަމަށާއި، އޭގައި އައު ކަމެއް ނެތްކަމަށް ބުނެ އެ ފަރާތްތަކުން ކޮމިޝަންގެ މަސައްކަތްތަކަށް ފާޑުކިޔަންފެށި އެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އަބްދުﷲ ޔާމީންގެ ހުދުމުތާރު، އަނިޔާވެރި ވެރިކަމުގައި ހަތަރު އަހަރެއްހާ ދުވަހު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު އެވެ.
ސުވާލަކީ އެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެތޯ އެވެ. އެންމެ ކުޑަމިނުން ދަރިފުޅަށްވީގޮތެއް ހޯދުމަށް ދައުލަތުގެ އިދާރާތަކުގައި އާދޭސްކުރަމުން މަގުމަތީގައި ހިނގި ރިލްވާންގެ މަންމައާއި، ބައްޕައަށް އެ މައުލޫމާތުތައް ހިއްސާނުކުރީ ކީއްވެތޯ އެވެ.
މި ސުވާލުތަކާއެކު ބައެއް ކަންކަން ހަނދާނަށް ގެންނާނަމެވެ. ރިލްވާން ވީނުވީއެއް ނޭނގި ގެއްލުވާލިތާ މާގިނަ ދުވަހެއް ނުވެ، އެ މައްސަލައިގެ ތަހުޤީޤާއި ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރައީސް އަބްދުﷲ ޔާމީނާ ސުވާލުކުރިމެވެ. ޖަވާބަކަށް ވިދާޅުވީ ނޫސްވެރިޔަކު ގެއްލުމުން ހީވާ ގޮތުގައި ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ކުރާނެކަމަށެވެ. މިއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އެ ދުވަހުގެ ޖަވާބު އެވެ.
ބާރުލިބިވަޑައިގެން ހުންނެވި ދުވަހު، އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ޖަވާބުތައްވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. އެކަމުގައި އެހެންކަމެއް ހަނދާނަށް ގެންނާނަމެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ދެމެދު ކުރެވިފައިވާ މެސެޖުތަކެވެ. އަލްޖަޒީރާގެ އެ މެސެޖުތަކުން އެނގޭގޮތުގައި ރިލްވާންގެ މައްސަލައަށް މާބޮޑު ސަމާލުކަމެއް ނުދިނުމަށް ރައީސް އަބްދުﷲ ޔާމީން، އުމަރަށް އަންގަވަ އެވެ. އަދި އެ މެސެޖަށް އުމަރު އާނއެކޭވެސް ވިދާޅުވެ އެވެ.
މި ހުރިހާ ކަމަކުންވެސް އެ ސަރުކާރުގެ ތެރެއިން ރިލްވާންގެ މައްސަލާގައި ގެންގުޅުން ސަމާލުކަން އެނގިގެންދެއެވެ. އަދި ރިލްވާންގެ މައްސަލައަކީ އެ ސަރުކާރަށް މުހިންމުކަމެއް ނޫންކަމާއި، އެކަން ފޮރުވުމަށް އެ ސަރުކާރުން ކުރި މަސައްކަތްތަށްވެސް އެނގިގެންދެ އެވެ. ދެން މިއަދު ނިކުމެ، ތިމަންމެންގެ ވެރިކަމުގައި މިކަން ހޯދިވަރަށޭ ހޯދިފައި ތިއޮތީ، އިތުރު އެއްޗެއް ނުހޯދެއޭ ބުމުން އެ ސަރުކާރުގެ އިސްލާތްރިކަން ހުރި މިންވަރު ވަރަށްވެސް ރަނގަޅަށް ބުނެދެ އެވެ.
މިއަދު ނިކުމެ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ވިދާޅުވިނަމަވެސް ކަންކުރެއްވި ގޮތާއި، ކުރެއްވި މަސައްކަތް އޮތީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާށެވެ. ރިލްވާންގެ އާއިލާ މެމްބަރުން އިންސާފަށް އެދި ގޮވުމުން ލޮލަށް ޕެޕަރ ސްޕްރޭޖަހައި ހެދީވެސް ހަމަ އުމަރާއި، ޔާމީނާއި، އެ މީހުންގެ އައުވާނުންގެ ބާރުވެރިކަމުގެ ތެރޭގައިކަން އެއީ ރައްޔިތުންގެ ދެކުނު ހަޤީޤަތްތަކެވެ.
މިއަދު އެދުުނު ހަޤީޤަތަކީ އެދުވަހު އެނގުނު މައުލޫމާތުތަކުގެ އިތުރުން ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކާއެކު މަސައްކަތްކޮށް،އެ ޖަރީމާތައް ފޮރުވުމަށްޓަކައިވެސް އެ ސަރުކާރުގެ ތެރެއިން އެތަކެއް ޖަރިމާތަކެއް ހިންގާފައިވާކަމެވެ. ސައްހަ ނޫން މައުލޫމާތުތަކެއް އެއްކޮށް، ޕާސްޕޯޓް ހަދައިދިނުން ފަދަ ހުރިހާ ޖަރީމާތަކެއްވެސް ހިންގައި، ރިލްވާންގެ މަރުގެ މައްސަލާގެ ހަޤީޤަތް ފޮރުވުމަށް މަސައްކަތްކޮށްފައިވާކަމެވެ.
ޤާނޫނު އަރާ ހަމަކޮށްފާނެކަމުގެ ބިރު ހީވުމުން، ތިމަންމެންވެސް އެކަމުގެ ތަހުޤީޤްކުރީމޭ ބުނެ، ރައްޔިތުންނަސް އޮޅުވާލުމުގެ ބަދަލުގައި މިހާރުވެސް ކުރައްވަންވީ ކަމަކީ ރައްޔިތުންގެ ކިބައި މައާފަށް އެދުމެވެ.