ވެލެންސިޔާ މި ސީޒަނާ ކުރިމަތިލީ އިންޓަނޭޝަނަލް މެޗުތަކެއް ކުޅެ އެކްސްޕީރިއެންސްތަކެއް ހޯދައިގެން ކަމަށާއި އެހެން ކަމުން އެޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށްލައިގެން ފަރުޖައްސާލެވެން ނޯންނާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މާލޭ ލީގުގައި މިހާތަނަށް ވެލެންސިޔާއިން އެއް މެޗު ކުޅެފައިވާ އިރު، އެޓީމާއި ޓީސީ ބައްދަލުކުރާ މި މެޗަކީ ޓީސީ މި ސީޒަންގައި ކުޅޭ ފުރަތަމަ މެޗެވެ. އެހެން ނަމަވެސް ޓީސީ ވަނީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ހުކުރު ދުވަހުގެރޭ މި ދެޓީމު ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އެޓީމު މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެއާއެކު ކުޅުންތެރިންގެ މޯޓިވޭޝަން ވެސް ވަރަށް ރަނގަޅު ކަމަށެވެ.
ނިޒާމްބެ ބުނީ ބޭރުގެ މުބާރާތެއްގެ ތަށި ހޯދުމަށްފަހު ގައުމުގައި ކުރިއަށްދާ މުބަރާތެއްގައި ވާދަކުރާއިރު ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިން އޯވާރ ކޮންފިޑެންސް ވެފައި ތިބުން ކަމަށާއި އެހެން ނަމަވެސް އެޓީމުން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން އެކަން ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި އެޓީމުގެ ކުޅުންތެރިން ތިބީ މެޗުން މޮޅުވުމުގެ އަޒުމުގައި ވަރަށް ކެތްމަދުވެފައި ކަމަށެވެ.
ނިޒާމްބެ އިތުރަށް ބުނީ ވެލެންސިޔާއަކީ ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ކްލަބެއް ކަމަށާއި އަދި ޓީސީ އަކީ އަދިވެސް ސީޒަނުގައި ދެވަނައަށް އޮތް އެންމެ ޅަ ޓީމު ކަމަށެވެ. އެހެން ކަމުން ޓީސީން މި މެޗާއި ކުރިމަތިލާނީ ވެސް އެކަން ދަނެގެން ކަމަށް ނިޒާމްބެ ބުންޏެވެ.