ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 11:57
ސިޓީ އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން
ސިޓީ އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީ އާއި ލިވަޕޫލަށް މޮޅެއް
ސިޓީ މޮޅުވީ ބްރައިޓަންއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން
ލިވަޕޫލް މޮޅުވީ ބާންލީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ބްރައިޓަންއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރޭނާއެވެ.

މި ލަނޑަށްފަހު ވެސް ސިޓީއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޑިބްރޭނާގެ އެހީތެރިކަމާއެކު 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާޖިއޯ އަގުއެރޯއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިން ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަގުއެރޯއެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަގުއެރޯގެ އެހީތެރިކަމާއެކު ބެނާޑޯ ސިލްވާއެވެ. މި ލަނޑުތަކަށްފަހު ވެސް ސިޓީއަށް ލީޑު އިތުރަށް ފުޅާ ކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މުޅި މެޗުގައިވެސް ބްރައިޓަންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެންނައިރު، ލަނޑު ޖެހުމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ލިބިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ބްރައިޓަން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ބާންލީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ބާންލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ ބާންލީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ލީޑު ލިވަޕޫލުން ނެގީ 33 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބާންލީގެ ވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ސާޑިއޯ މާނޭ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ 80 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ފިރްމީނޯއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް