ޓެކް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިނގ މިނިސްޓަރ އަބްދުﷲ ޝާހިދު އުކުޅަހަށް ވަޑައިގެންފި އެވެ.
މިނިސްޓަރ ޝާހިދާއެކު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރުވެސް އުކުޅަހަށް ވަޑައިގެންފައިވެއެވެ. އެ ދެބޭފުޅުން ވަޑައިގެންނެވުމާއެކު ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތާ އެކު ފެށިގެންދާ މި ފެއަރގައި ޔޫކޭގެ ޔުނިވަރސިޓީ އޮފް ބެރެޑްފީރޑް ގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސައިންސްވެރިންގެ ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރިއަށް ދާނެއެވެ. މި ކޮންފަރެންސް ގައި 48 އަށް ސައިންސްވެރިން ބައިވެރިވާނެއެވެ.
ޖުމްލަ 26 ސްޓޯލް ފެއަރ ގައި ބައިވެރިވާއިރު ސަރުކާރުގެ މިނިސްޓްރީތަކާ ރާއްޖެގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމްއެންޑީއެފް މި ފެއަރ ގައި ބައިވެރިވާނެއެވެ.
ސަތާރަ މިލިއަން ރުފިޔާގެ އުކުޅަށް ކޮންވެންޝަން ސެންޓަރ 25 ދުވަހުން އިމާރަތް ކޮށް ނިންމާލާފައި ވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. މި ކޮންވެންޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖެގެ ފޮރިން މިނިސްޓަރ އަބްދުއްލާ ޝާހިދު އާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ޖަމާލް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެދުނު 9:00 ގައެވެ.
އުކުޅަސް ޓެކް ފެއަރ އަށް ތައްޔާރު ވުމުގެ ގޮތުން އުކުޅަހުންވަނީ މުޅި ރަށް ގައުމީ ދިދަ އާއި ފެއަރގެ ބެނާ ތަކުން ޒީނަތްތެރި ކޮށްފައެވެ.