ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 07:51
އެސްޓްރޮނޯޓް އޭން މެކްކްލެއިން
އެސްޓްރޮނޯޓް އޭން މެކްކްލެއިން
ރޮއިޓަރސް
ނާސާ
ކުރީގެ ބައިވެރިޔާގެ އެކައުންޓް އެސްޓްރޮނޯޓަކު ހެކް ކޮށްލީ ޖައްވުގައި ހުރެގެން!
މިމައްސަލަ ފެންމަތިވީ ކޯޓުގައި މިހާރު ކުރިޔަށްދާ ވަރީގެ ޝަރީއަތުގެ މަޖިލީހުގައި
މިކަމުގެ ހެކި ލިބިފައިވާ ކަމަށް މެކްކްލެއިންގެ ބައިވެރިޔާ ވަނީ ބުނެފަ
މެކްކްލެއިންގެ ވަކީލު ބުނީ އޭނާ މަސައްކަތްކުރީ ދެމީހުންގެ ގުޅިފައިވާ އެކައުންޓަށް ވަނުމަށް ކަމަށް

އެމެރިކާގެ ޖައްވީ އިދާރާ، ނެޝަނަލް އެއިރޮނޯޓިކްސް އެންޑް ސްޕޭސް އެޖެންސީ (ނާސާ) ގައި މަސައްކަތްކުރާ އެސްޓްރޮނޯޓެއްގެ މައްޗަށް, އޭނާގެ ކުރީގެ ބައިވެރިޔާގެ އެކައުންޓް ޖައްވުގައި ހުރެގެން ހެކްކުރި ކަމުގެ ތުހުމަތުކޮށްފިއެވެ.

އޭން މެކްކްލެއިން ނަމަކަށް ކިޔުނު އަންހެން އެސްޓްރޮނޯޓް އޭރު ހުރީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭނާގެ މައްޗަށް މި ތުހުމަތު ކޮށްފައިވަނީ މިހާރު ކޯޓުގައި ކުރިޔަށްދާ ވަރީގެ ޝަރީއަތުގެ މަޖިލީހުގައެވެ.

ކުރީގެ ބައިވެރިޔާ ސަމަރ ވޯރޑެންއަށް މިކަމާއި މެދު ޝައްކު އުފެދުނީ، އޭނާގެ ހުއްދަ އާއި ނުލާ ނާސާގެ ކޮމްޕިއުޓަރ ނެޓްވޯކަކުން އޭނާގެ އެކައުންޓަށް އެކްސެސްވެފައިވާ ކަން ފަޅާ އެރުމުންނެވެ. އިތުރަށް ބެލުމަށް ފަހު ވޯރޑެން ނިންމީ، މެކްކްލެއިން އޭނާގެ އެކައުންޓަށް ވަނީ އައިއެސްއެސްގައި ހުރި ދުވަސްވަރެއްގައި ކަމަށް ނިންމާފައެވެ. ވޯރޑެން އަކީ ކުރީގެ އެއަރ ފޯރސް އިންޓެލިޖެންސް އޮފިސަރެކެވެ.

އެމެރިކާގެ ހިއުސްޓަންގެ ނޫހެއް ކަމަށްވާ ކޭޕީއާރްސީއަށް މައުލޫމާތު ދެމުން ވޯރޑެން ވަނީ، އޭނާގެ އެކައުންޓް ހުންނަ ޔޫއެސްއޭއޭ ބޭންކުން މިކަމާއި ގުޅޭ ހެކި ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ. ކޯޓުގައި މި މައްސަލަ ފެންމަތި ކުރުމުގެ އިތުރަށް ވޯރޑެން ވަނީ ފެޑެރަލް ޓްރޭޑް ކޮމިޝަނަށް ޝަކުވާއެއް ވެސް ހުށައަޅާފައެވެ. އަދި އޭނާގެ އާއިލާގެ މެމްބަރަކު ވަނީ ނާސާގެ އިންސްޕެކްޓަރ ޖެނެރަލްގެ އިންޓަރނަލް އޮފީހަށް ވެސް މި މައްސަލަ ހުށައަޅާފައި ކަމަށް ނިއު ޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ.

މިކަމަށް ރައްދު ދެމުން މެކްކްލެއިންގެ ވަކީލު ބުނީ، މެކްކްލެއިން މަސައްކަތް ކުރީ ދެމީހުންގެ ގުޅިފައިވާ އެކައުންޓު އެކްސެސްވުމަށް ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދެ އަންހެނަކު އެކަނި ސްޕޭސްވޯކަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް ނާސާއިން ވަނީ، ދެ މީހުންގެ ސައިޒުގައި ސްޕޭސް ސޫޓު ނެތްކަމަށް ބުނެ މެކްކްލެއިންގެ ބަދަލުގައި ފިރިހެން އެސްޓްރޮނޯޓަކު ފޮނުވާފައެވެ. މިކަމާއި ގުޅިގެން ނާސާއަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވިއެވެ.

އޭން މެކްކްލެއިންގެ މައްސަލައިގައި ނާސާއިން ބުނެފައިވަނީ އެތަނުގެ މުވައްޒަފުންގެ ޒާތީ މަސްލަހަތާއި ގުޅޭ މައްސަލަތަކުގައި އެއްވެސް އެއްޗެކޭ ބުނަން ބޭނުންނުވާ ކަމަށެވެ. މެކްކްލެއިންއަކީ އަދިވެސް ނާސާގެ އެކްޓިވް އެސްޓްރޮނޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް