އިނގިރޭސިވިލާތުގައި ހުންނަ ހޮންގްކޮންގް ކޮންސިއުލޭޓްގައި މަސައްކަތްކުރާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޗައިނާއިން އެއްބަސްވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވަނީ ހޮންގްކޮންގަށް ނިސްބަތްވާ، ސައިމަން ޗެންގް ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވާކަން އެނގިފައިވަނީ 8 އޮގަސްޓުން ފަށައިގެން އޭނާ ނުފެނިގެން ހޯދަމުން ދަނިކޮށެވެ. ޗެންގް ގެއްލިގެން ހޯދީ ބިޒްނަސް ދަތުރަކަށް ދިއުމަށްފަހު އޭނާ ނުފެނިގެންނެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޭނާ ހައްޔަރުކުރިތާ 15 ދުވަސް ވެއްޖެއެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ޗައިނާގެ ޝެންޒެންގުގައި ހުއްޓައެވެ.
އިނގިރޭސިވިލާތުން ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާގެ ބެއިޖިންގްގައި ހުންނަ އެމްބަސީން ދަނީ އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
28 އަހަރުގެ ޗެންގް ހައްޔަރު ކޮށްފައިވަނީ އާންމު ރައްކާތެރިކަމުގެ ގަވާއިދުތަކާއި ހިލާފުވެގެން ކަމަށް ޗައިނާއިން ބުނެފައިވެއެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކަނޑައެޅިގެން ކޮން ގަވާއިދަކާ ހިލާފުވެގެން ކަމެއް އެގައުމުގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ހޮންކޮންގްގައި ތިބި ކުށްވެރިންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމީހުން ޗައިނާއާ ހަވާލު ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމާއި ގުޅިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާއާއި ގުޅިގެން އެގައުމަށް އެތެރެވަމުންދާ ފަތުރުވެރިންނަށްވެސް ވަނީ ގިނަ ދަތި އުނދަގޫތަކާ ކުރިމަތިވެފައެވެ.