ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 02:13
ރައީސް ޔާމީން އަދި ރައީސް މައުމޫން
ރައީސް ޔާމީން އަދި ރައީސް މައުމޫން
ރާއްޖެ އެމްވީ
ސަރުކާރުގެ އިހުމާލު
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ޕީޕީއެމް އިން ވެފައިވާ ވަޢުދު ސަރުކާރުން ފުއްދަމުން ނުދޭ
ބަޖެޓް ފާސްކުރުމުގައިވެސް އަންހެނުންގެ ހައްގުތަކަށް އިހުމާލުވެފައި
މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒެއް ނުކުރޭ

ޕީ.ޕީ.އެމް ގެ ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި އިހުމާލްވެފައިވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ޕީޕީއެމްގެ ރައީސް މައުމޫން އޮފީހުން ނެރުއްވި ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީ.ޕީ.އެމް ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުންވެސް ޚާއްސަ ގޮތެއްގައި ދައުލަތުގެ ބަޖެޓު ފާސްކުރުރާ އިރުވެސް އަންހެނުންގެ ހައްގުތަކަށް އިސްކަމެއް ދީފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީ.ޕީ.އެމް ސަރުކާރަށް އައީ އަންހެނުންގެ މެނިފެސްޓޯ އެއް އެކުލަވާލައި އަންހެނުންގެ ތަރައްޤީ އާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ގިނަގުނަ ވަޢުދު ތަކެއް ވުމަށް ފަހުގައެވެ.

އޭގެ ތެރޭގައި، އަންހެނުންނާއި އާއިލާތައް ރައްކާތެރި ކުރުމަށް ޤާނޫނީ އޮނިގަނޑު ތަންފީޒު ކުރުމާއި ހަރުދަނާ ކުރުމާއި، އަނިޔާ ލިބިފައިވާ އަންހެނުންނަށް ރައްކާތެރިކަން ދިނުމާއި ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ކައިވެނި ރޫޅި ދިއުމުގެ ސަބަބުން ދިރިއުޅޭނެ ތަނެއްނެތި ނިކަމެތިވާ ފަރާތްތަކަށް ބޯހިޔާ ވަހިކަމުގެ ވަގުތީ ވަޞީލަތެއް ހަމަޖައްސައި ދެވޭނެ އިޖުތިމާއީ އަދި ޤާނޫނީ އުޞޫލުތައް ތަޢާރަފު ކުރުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ސިޔާސީ ގޮތުން އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަން ވަޢުދުވި ކަންތައްތަކުގެ ތެރޭގައި، އިންތިޚާބު ކުރެވޭ ސިޔާސީ މަޤާމު ތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއަޅާ އެކަމުގައި އެހީ ތެރިވެދީ ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމާ ސިޔާސީ މަޤާމުތަކުގައި އަންހެނުންނަށް ނިސްބަތުން ވަކި އަދަދެއް ކަނޑައެޅުމާއި، އަންހެން ކުދިން އިޖުތިމާއީ އަދި ލީޑަރޝިޕަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ހިންގައި ދިނުމާ ރާއްޖެ ތަމްސީލުކުރާ މިޝަން ތަކާއި ވަފުދު ތަކުގައާއި ސަރުކާރުގެ ކޮމިޓީ ތަކުގައި ބޯޑު ތަކުގައި އަންހެނުން ހިމެނޭ އަދަދު އިތުރު ކުރުމާ އަދި އަންހެނުންގެ ދައުރާއި ޚިދުމަތާއި ކާމިޔާބީ ތަކަށް މުޖުތަމައުގައި ސަމާލު ކަމާއި ތަރުޙީބު އިތުރުކުރަން މަސައްކަތް ކޮށްދިނުމަށް ޕީޕީއެމް އިން  ވަޢުދު ވެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މިކަންތައް ކޮށްދިނުމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތް ތަކެއް ކޮށްފައި ނުވާ ކަމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

- ކޮމެންޓް