މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ސުވާލުކުުރުމުން މިނިސްޓަރު ވިދާޅުވީ މި ހަފްތާގައި މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމަށްފަހު އެކަމުގެ އިތުރު ތަފްސީލް ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ޕްލޭން ހެދުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަޖެޓް ކޮމިޓީގައި އަމީރު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ގައުމީ ތަރައްގީގެ ޕްލޭނާ އެކު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަށް އޭގެ އެންމެ ރަނގަޅު ގޮތުގައި (ބަޖެޓަށް ރިފްލެކްޓް) ނުވާނެ ގަޮތަށް ވިސްނުންތެރިކަމާއެކު ބަޖެޓް އިން ކުރާނެ ހޭދަތައް ކަނޑައެޅުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިވާއިރު ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަނީ މި އަހަރަށް ކަނޑައެޅި ބަޖެޓް ހުސްވެގެން ނޫން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ބުނީ ސަރުކާރުން ބަޖެޓެއް ހުށަހަޅަނީ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެން ކަމަށެވެ. އަދި އެހާބޮޑު ބަޖެޓެއް ހުސްވިގޮތް ސާފުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަނީ ބޭރު ގައުމުތަކުން ލިބުނު އެހިތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތަށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔަވަންދާ ހަރަދު އެ ބަޖެޓަށް އިތުުރު ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލެއް އަދި ފިނޭންސް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.