މަޖިލީހުގެ ރައީސްގެ މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޢަބްދުﷲ މަސީޙު ސިޔާސީގޮތުން ވަކި އަތަކަށް ޖެހިގެން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކިއެކި ބިލްތަކަށް ބަހުސްކުރުމަށް ދެވޭ ވަގުތު ދިނުމުގައްޔާއި މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި ތަރުތީބުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ސިޔާސީ ފިކުރުގެ މައްޗަށް ބުރަވާ ކަމަށެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވަނީ މުހިންމު ގިނަ ބިލުތަކަށް ބަހުސް ކުރާއިރު ބައެއް މެންބަރުންނަށް ފުރުޞަތު ނުދީ މަޖިލީހުގެ ޖަލްސަތައް ކުރިޔަށް ގެންދަވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދެވޭނޭ މަގު ފަހިކުރުމަށާއި ދީމިޤްރާތީ އުސޫލުތަކުގެ މަތީން އަދި ޚަރަދުތައް ކުޑަކޮށް، އެކަށޭނަ ހަލުވި މިނެއްގައި ދައުލަތް ހިނގަމުންދިޔުން ކަށަވަރުކުރުމަށް އެކަށައަޅާންޖެހޭ މުހިއްމު އެތައް ޤާނޫނެއް ހުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ނެތްކަމަށް ބަޔާންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމުން މަޖިލީހުގެ ރައީސް އެއްކިބާ ވެފައިވާ ކަމީ މިއަދު ދިވެހި ރައްޔިތުންނަށް އެނގި ހާމަވާ ހަޤީޤަތެއް" މައުމޫން ވިދާޅުވިއެވެ.
އޭގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ޤައުމީ މަޞްލަޙަތަށް ގެއްލުންހުރި ނުހަނު ބޮޑެތި މައްސަލަތަކާ ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި ވަޒީރުންނާއި ސުވާލުތައް ކުރުމުގެ ފުރުޞަތު ދީފައިނުވާކަމުގެ ޝަކުވާ މެންބަރުން އުފުލަމުންދާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ދިވެހި ދައުލަތް އެކަށައަޅާފައި ވަނީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން ރައްޔިތުނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުތައް ވެސް ކަށަވަރު ނުކުރެވޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
"ޤާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާ ތަޢާރުޒުވާ ބިލްތައް ތާވަލްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބާރުތައް ޤާނޫނީ ތަރަހައިން ބޭރުގައި ބޭނުންކޮށް އެފަދަ ބިލްތައް ފާސްކުރުމަށް މަގުފަހިކޮށްދީ މިމަގުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަންފަދަ ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަތުމަށް ސަރުކާރަށް މަގުފަހިވާ ގޮތައް މަސައްކަތް ކޮސްފައިވަ ކަމީ ދިވެހި ރައްޔިތުންނަށް ފެންނަން އޮތް ހިޤީޤަތެއް" މައުމޫން ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުރަހަކަށްވެފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ އެކަމަށް ވަރަށް ބޮޑަށް ތާޢީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައި ވެއެވެ.