ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމްއެންޑީއެފް އޮފިސަރުންނަށް އެމަނިކުފާނާއިއެކު ރާއްޖޭން ބޭރަށް ނުފުރޭނެ ކަމަށް އަންގައިފިއެވެ.
ރައީސް މައުމޫންގެ ހަށިފާރަވެރިންނަށް އެމަނިކުފާނާއި އެކު ދަތުރު ނުކުރެވޭނެ ކަމަށް އަންގާފައި މިވަނީ އަމިއްލަ ދަތުރުފުޅެއްގައި އެމަނިކުފާނު ބުދަ ދުވަހު (މިއަދު) ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ.
އިންޑިއާއަށް ކުރައްވާ އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ ހަށިފާރަވެރިންނަށް އެމަނިކުފާނާއި އެކު ދަތުރުނުކުރެވޭނެކަން އެމްއެންޑީއެފް އިން އަންގާފައިވަނީ އެއާޕޯޓްގެ ވީއައިޕީ ލޯންޖްއާ ހަމައިންނެވެ.
ހަށިފާރަވެރިންނަށް ރައީސް މައުމޫނާއި އެކު ދަތުރު ނުކުރެވޭނެ ސަބަބު އަންގާފައި ނުވިޔަސް ވީއައިޕީ ލޯންޖްއާ ހަމައިން އެމީހުންގެ އަތުގައި ހުރި ޓިކެޓާއި އެނޫން ވެސް ދަތުރަށް ބޭނުންވާނެ ލިޔުންތައް ވަނީ އަތުލާފައެވެ.
ހަށިފާރަވެރިންގެ އަތުން ޓިކެޓާއި ލިޔެކިޔުންތައް އަތުލުމަށް އެމީހުން ލަގެޖް ވެސް ވަނީ ޗެކިން ކުރުމަށް ފަހު އަލުން އަނބުރާ ނެރެފައި ކަމަށް ވެސް އެނގިފައި ވެއެވެ.
މިކަމާ ގުޅޭ ބަހެއް ހޯދާލުމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދްނާން މުޙައްމަދަށް ގުޅާލުމުން ވިދާޅުވީ އެކަންވެފައިވާ ގޮތެއް ބެއްލެވުމަށް ފަހު މީޑިއާއަށް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
އަދްނާން ވިދާޅުވީ އުސޫލުތައް އޮންނަ ގޮތުން ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު އާންމުގޮތެއްގައި އެމްއެންޑީއެފް އިން މީޑިއާތަކާ ހިއްސާއެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެކަން ހިނގާފައިވާ ގޮތެއް ބެއްލެވުމަށްފަހު މީޑިއާއާ ހިއްސާ ކުރެވެން އޮތް ނަމަ އެ މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމްއެންޑީއެފް އޮފިސަރުންނަށް އެމަނިކުފާނާ އެކު ރާއްޖޭން ބޭރަށް ނުފުރޭނެ ކަމަށް އަންގާފައިވާ އިރު، މީގެ ކުރިން އުސޫލުތަކަށް ގެނެވުނު ބަދަލަކާއި ގުޅިގެން ކަމަށް ބުނެ، ރައީސް މައުމޫންގެ ސެކިއުރިޓީގެ ގޮތުގައި އެމަނިކުފާނުގެ ކާރުކޮޅާ އެކު ދަތުރުކުރާ އެމްއެންޑީއެފްގެ ވެހިކަލް ވެސް ވަނީ ދަތުރުކުރުން ހުއްޓުވާލާފައެވެ.
ރައީސް މައުމޫނުގެ ހަށިފާރަވެރިންނަށް އެމަނިކުފާނާ އެކު ދަތުރުނުކުރެވޭނެ ކަމަށް ކުއްލި ގޮތަށް އަންގާފައި މިވަނީ އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިސްކޮށް ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބުދަ ދުވަހު (މިއަދު) ހުށަހަޅާފައި ވަނިކޮށެވެ.