ކ. މާލެ
|
14 އޯގަސްޓް 2019 | ބުދަ 18:05
ކްލޮޕް
ކްލޮޕް
ގެޓީ އިމޭޖަސް
ސްޕަ ކަޕް
މިރޭގެ މެޗް ފަސޭހައެއް ނުވާނެ: ކްލޮޕް
ޗެލްސީ އަދި ލިވަރޕޫލް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 12:00 ގައި

ޔޫއެފާ ސުޕަރ ކަޕްގައި ބުދަ ދުވަހުގެރޭ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ލިވަރޕޫލްގެ ކޯޗް ކްލޮޕް ބުނެފިއެވެ.

ޔޫރަޕްގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ ޔޫރަޕާ ލީގުގެ ޗެމްޕިއަން ޗެލްސީ އަދި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ލިވަރޕޫލް ބައްދަލުކުރާނެއެވެ.

މި މެޗާއި ޗެލްސީ ބައްދަލުކުރާއިރު އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުން އެޓީމުވަނީ ވާދަވެރި މެންޗިސްޓާ ޔުނައިޓެޑް އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެފައެވެ. އަނެއްކޮޅުން ލިވަރޕޫލް މިރޭގެ މެޗަށް ނިކުންނަ އިރު އެޓީމު ވަނީ ޕްރިމިއާ ލީގުގައި ކުޅުނު މެޗު ފަސޭހަ ކަމާއި އެކު މޮޅުވެފައެވެ.

ލިވަރޕޫލްގެ ކޯޗު ކްލޮޕް ބުނީ ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގެ ނަތީޖާ އަށް ބަލައިގެން ގޮތް ނިންމެން ނެތް ކަމަށާއި ޗެލްސީ އިން އެ މެޗުގައި ރަނގަޅަށް ކުޅުނު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޗެލްސީގެ ލެޖެންޑް ލަމްޕާޑަށް ޓަކައި އެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުން އެޓީމު މޮޅު ކުރަން ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށާއި، ލަމްޕާޑް ވަނީ ޑާބީ ގޮވައިގެން ރަނގަޅު ސީޒަނެއް މިދިޔަ އަހަރު ހޭދަކޮށްފައި ކަމަށެވެ.

ކްލޮޕް އިތުރަށް ބުނީ މިއީ ތައްޓެއްގައި އަތްލާން ލިބޭ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފަން ކުރެވެން ހުރި ހުރިހާކަމެއް ލިވަރޕޫލް އިން ކުރާނެކަމަށެވެ.

ޗެލްސީގެ ކޯޗު ލަމްޕާޑް ބުނީ މި މެޗާއި ޗެލްސީއިން ކުރިމަތި ލަނީ ޔުނައިޓެޑް މެޗުން ހެދުނު ގޯސްތަކުން ފިލާވަޅު ނަގައިގެން ކަމަށާއި އެ ގޯސްތަށް މި މެޗުގައި ތަކުރާރު ނުކުރާނެކަމަށް އޭނާ ބުންޏެވެ.

ޗެލްސީ އަދި ލިވަރޕޫލް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 12:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް