މިއަދު ފެނިގެން މިދަނީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ ކަންކަން ޒަމާނާއި އެއްވަރަށް އުވެމުން އަންނަަ މަންޒަރެވެ. މިހެން ކަން ވެގެން މިދަނީ ދިވެހި ގިނަ ޒުވާނުންގެ ޝައުގުވެސް މިކަމުގައި ނެތުމުން ކަމަށް ވެސް ވެދާނެއެވެ. ބޮޑު ވަމުން އައި އިރު ސަގާފަތާއި ބެހޭގޮތުން ގިނަ ބަޔަކު އަހުލުވެރިވެފައި ނެތުމުން ކަމަށް ވެސް ވެދާނެއެވެ.
ޢީދު ދުވަހު ސޯޝަލް މީޑިއާގައި އާންމުވީ ޢީދާ ދިމާކޮށް ހުޅުމާލޭގައި ބޭއްވި ބޮޑުމާލި ނެރުމުގެ ޙަރަކާތުގައި ބިދޭސީން ޙަރަކާތްތެރިވާ ފޮޓޯއެކެވެ. ގިނަ އަދަދެއްގެ ބިދޭސީން ބޮޑު މަހުގައި ހިފަހައްޓައިގެން ތިބި މަންޒަރު މި ފޮޓޯއިން ފެނިގެން ދިޔައެވެ.
އީދަކީ ދީނީ މުނާސަބަތަކަށް ވުމުން އެ ދުވަހު ހިންގޭ ހަރަކާތްތަކުގައި ބިދޭސީން ބައިވެރި ވުަމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އީދު ދުވަހުގައި ކުރިއަށް ގެންދެވޭ ސަގާފީ ހަރަކާތްތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުވަމީ ދިވެހި ސަގާފަތް ކުރިއެރުވުމަށްޓަކާ އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ.
އީދުގައި ކުޅޭ ކުޅިވަރު ތަކުގެ ތެރެއިން ދިވެހިން އެންމެ ލޯބި ކުރާ ސަޤާފީ ކުޅިވަރެއް ކަމުގައިވާ ބޮޑުމަހުގައި ހިފަހައްޓައިގެން ހުރި ދިވެއްސެއް ނުފެނުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. މި ފަދަ ކަންކަން ތަކުރާރު ވާނަމަ ދިވެހިންގެ ސަގާފަތް މަރުވަނިއްޔޭ، ނެތި ދަނިއްޔޭ، ކިޔާ ޝަކުވާ ކުރުމުގެ ފުރުޞަތެއް އަހަރުމެންނަށް އެބައޮތްތޯއެވެ؟ އަހަރުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މި ދެއްކެނީ ކޮންކަހަލަ މަންޒަރެއްކަން ވިސްނާލަން އެބަޖެހެއެވެ. ކުރިމަގުގެ ޖީލު ހުޅަނގުގެ ސަގާފަތަށް އަހުލުވެރިކޮށް ދިވެހިންގެ އަމިއްލަ ވަންތަކަން ނެތުމުން ޝަކުވާވެސް ކުރާނީ ހަމަ އަހަރުމެނެއް ނޫންތޯއެވެ؟
އެއްވެސް ހާލަތެއްގައި މި ދަންނަވަނީ ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކު ސަގާފަތް ދިރުވާ އާލާ ކުރުމަށް މަސައްކަތް ނުކުރާ ވާހަކަ އެއް ނޫނެވެ. އީދު ދުވަހު ޒުވާނުން އިސްނަގައިގެން އަހަރުމެންގެ އަމިއްލަ ވަންތަ ސަގާފަތް ދިރުވުމަށްޓަކާ ކުރިއަށް ގެންދިޔަ "ލިބާސް މޫވްމެންޓް" ގެ ހަރަކާތެއް ވެސް ފެނިގެން ދިޔައެވެ. އަދި ލިބާސް މޫވްމެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ޒުވާނުންގެ މެދުގައި މަޝްހޫރު ކުޅިވަރެއް ކަމުގައި ވާ ސްކޭޓިންގް ގައި މަޝްއޫލުވެ އުޅޭ ޒުވާނުންތަކެއް އީދު ދުވަހު ހަވީރު، ގައުމީ ލިބާހުގައި ސްކޭޓް ކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައެވެ.
ނަމަވެސް ދިވެހިންގެ ސަގާފަތް ކުރިއަރުވަން އެއްބަޔަކު މަސައްކަތް ކުރި ކަމުގައި ވިޔަސް އަނެއް ބަޔަކު އެއަށް ކޮންމެ ގޮތެއްވެސް ވަރި ހަމަކަމަށް ތިބޭނަމަ ސަގާފަތް އަތުން ބީވުން ގާތެވެ.
ދިވެހި ސަގާފަތާއި މެދު ޝައުގުވެރިކަން ހުރެ ބައިވެރިވާން ބޭނުންވާ ނަމަ ބިދޭސީން ބައިވެރި ކުރުވުން ގޯހެއްނޫނެވެ. ދިވެހި ސަގާފީ ކުޅިވަރުތައް އެހެން ގައުމު ތަކަށް ތަޢާރަފުކޮށް އެކުޅިވަރުތަކުގައި މީހުން ބައިވެރި ކުރުވަންވީއެވެ. ނަމަވެސް ދިވެހިންގެ ޚާއްސަކޮށްގެން ބާއްވާ ސަޤާފީ ހަރަކާތްތަކުގައި ހުސް ބިދޭސީން ފެންނަ ކަމުގައި ވާނަމަ އެއީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެކެވެ.