ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ޕާޓީތައް ގުޅިގެން މަޖިލީހުގެ ރައީސް މަސީހު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މިއީ އިސްލާހީ ހަރަކާތައް މުހިއްމު ނިންމުމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
As President of PPM I strongly support the cross-party resolution submitted to Majlis today. A vital move for reform pic.twitter.com/3Q7ucQ0SNT
— Maumoon Abdul Gayoom (@maumoonagayoom) March 8, 2017
ބުދަ ދުވަހު ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ.
އެނގިފައިވާ ގޮތުގައި އެމައްސަލަ މަޖިލީހަށް ހުށަހެޅީ މިވަގުތު މަޖިލިސް ތަމްސީލްކުރާ ހުރިހާ ސިޔާސީ ޕާޓީތައް އެކުލެވޭގޮތަށެވެ. އެގޮތުން ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ހިމެނޭއިރު، ސަރުކާރު ކޯލިޝަން އެމްޑީއޭގެ މެމްބަރެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އުޅޭކަމުގެ ވާހަކަތަކާއެކު މަޖިލީހުގެ ޖަލްސާތައް ވަނީ ހުއްޓުމަށް އައިސްފަ އެވެ. މިހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.