މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީއާއި ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުން ހިމެނޭ ގޮތަށެވެ.
އެގޮތުން މައްސަލަ ހުށަހަޅެއްވުމަށް މަޖިލީހަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުއާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެންބަރު ހުސެއިން އަރީފްއާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސެއިންގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.
އެ މައްސަލަ ބުދަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 26 މެންބަރުންގެ ސޮޔާއެކު އެވެ. މަސީހުގެ އިތުބާރުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗް މަހުގައި ވެސް މަޖިލީހަށް ހުށަހެޅި އެވެ. 22 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު ފާރިސް ވިދާޅުވީ ީ މަސީހުގެ މައްސަލަ ހުށަހަޅަންޖެހުނީ މަޖިލީހުގެ މަސައްކަތްތައް ގޯސްކޮށް ކުރިއަށް ގެންދާތީ އެކަންތައްތަކަށް ހައްލެއް ހޯދުމަށް އެތައް މަސައްކަތްތަކެއްކޮށް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ފާރިސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެތައް ގިނަގުނަ ގާނޫނުތަކެއް ހަދަން ހުރި ނަމަވެސް، ފެނިގެންދަނީ ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް ޖަލްސާތައް ބޭއްވުން ލަސްކޮށް ފަސްކުރަމުންދާތަން ކަމަށެވެ.
ފާރިސް ވިދާޅުވީ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ އެއަށް އަމަލުކުރުން ހުރިހާ ރައްޔިތުންނަށް ލާޒިމްކުރާ އެއްޗަކަށްވާއިރު، ފެނިގެން ދަނީ ގާނޫނުތައް ހެދުމުގައި އެކަށީގެންވާ ވަގުތު ނުދެއްވުމާއި، ބަހުސްކޮށް މަޝްވަރާކުރުމަށް ފުރުސަތު ނުދެއްވުމާއި، އަވަސް އަރުވާލައިގެން ކޮމެޓީގެ މަސައްކަތްތަކާއި ތަޅުމުގެ މަސައްކަތްތައް ވެސް ނިންމަމުންދާތަން ކަމަށެވެ.
މީގެ އިތުރުން ފާރިސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރެވިއްޖެނަމަ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި، ގާނޫނު އަސާސީއާއި ގާނޫނުތަކުން މަޖިލީހަށް ލާޒިމްކުރާ ހުރިހާ މަސައްކަތެއް އެންމެ ފުރިހަމަ ގޮތެއްގައި ކުރެވޭނެ ކަމަށެވެ. ފާރިސް ވިދާޅުވީ ހުރިހާ ޕާޓީތަކެއް ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުކޮށް، މަޖިލީހަކީ ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ތަނަކަށް ހަދައި، މެންބަރުންނަކީ މެންބަރުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މެންބަރުންތަކެއްގެ ގޮތުގައި މި ދައުރުގެ ތެރޭގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމްޑިޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބޫ ވިދާޅުވީ މަޖިލިސް ހިންގަންވާނީ ރައްޔިތުންގެ ހުރިހާ މަންދޫބުން ބައިވެރިވާ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން، ޖަވާބުދާރީވެ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، ރާއްޖެއަސް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ފެށުން އައީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ކަންތައްތައް ހިނގަމުން ދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނު އަސާސީއަށް ބެލުމެއް ނެތި ކަމަށެވެ.
އިބޫ ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކާއެކު މި މަސައްކަތް ކާމިބާޔ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީއާއި ގަވާއިދުތަކާ ޚިލާފަށް މަޖިލީހުގެ ރައީސް ކިތަންމެ ގިނަ ދުވަހަކު މަސައްކަތް ކުރައްވައިފި ކަމަށާއި، ކޮންމެ މީހަކާ ވެސް ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި އިންސާފުގެ މަގުން އެއްކިބާވެ، ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް މަސީހު ކަންކަން ކުރައްވާތީ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް ވިދާޅުވީ މި ރާއްޖެއަކީ ހުރިހާ ދިވެހި ރައްޔިތުންގެ ގައުމު ކަމަށާއި އެ ރައްޔިތުންގެ ދިފާއުގައި މަޖިލިސް މެންބަރުންތައް މިހާރު މިތިބީ ތެދުވެ ކަމަށެވެ. ރައްޔިތުންނާމެދު ނުހައްގުން ކުރަމުންދާ ހުރިހާ ކަމެއް ބަދަލުކޮށް، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް މި ފެށުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ 'ބ' ގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން އެ މަޖިލީހަށް އަންގަން ވާނެ އެވެ.
އެ މާއްދާގެ 'ޅ' ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ އެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓައިގެން ނުވާނެ އެވެ. އަދި އެ މާއްދާގެ 'ކ'ގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި، އެމީހެއްގެ ދިފާއުގައި ބަހުސެއްގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ހައްގު އެއިން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ. ނަމަވެސް އެ މީހަކު މަގާމުން ވަކިކުރުމާބެހޭ ގޮތުން ނަގާ ވޯޓެއްގައި އެ މީހަކަށް ވޯޓެއް ނުދެވޭނެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ، ސަބަބު ބަޔާންކޮށް 15 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ ދެ ބައިކުޅަ އެއްބައި ސިމްޕަލް މެޖޯރިޓީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓުލައިފި ނަމަ އެވެ. މަޖިލީހުގެ ރައީސްއާ ނުލާ މަޖިލީހުގައި ޖުމްލަ 84 މެންބަރު ތިއްބަވާ އިރު، 47 މެންބަރުން ތިއްބެވީ އަދިވެސް ސަރުކާރުގެ ފަޅީގަ އެވެ. އެއީ ޖުމްލަ މަޖިލީހުގެ 55 ޕަސެންޓް މެންބަރުންގެ ތާއީދު އޮތީ އަދިވެސް ސަރުކާރަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން، 15 މެންބަރުންގެ ސޮޔާއެކު މައްސަލަ ވައްދާ އިރު ސަބަބުތައް ވެސް ބަޔާން ކުރަން ޖެހެ އެވެ. އަދި ނޯޓިސް ދިނުމަށް ފަހު މައްސަލަޔާ މެދު ބަހުސްކޮށް ވޯޓަށް އަހަންޖެހެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހަށް ބައިވެރިނުވެވޭނެއިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޖަލުގައި ހުންނެވުމުން މި ވޯޓުގައި ބައިވެރިވެވޭނީ 83 މެންބަރުންނަށެވެ. އެ ވޯޓުގައި ހުރިހާ މެންބަރުން ބައިވެރިވާ ނަމަ، އަގުލަބިއްޔަތަކަށް ވާނީ 42 މެންބަރުންގެ ވޯޓެވެ.
މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މަސީހުގެ އިތުބާރުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ފެއިލް ކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.