އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އިނާޔަތް ނުލިބޭތީ އެކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންހެނުންގެ ހައްގުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާ އާއި، އެކަނިވެރި މައިންނަށް ލިބެން ޖެހޭ އިނާޔަތް ނުލިބުމުގެ މައްސަލަތައް ނިމިގެންދިޔަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއްވެސް ތަފާސް ހިސާބެއް ހިމަނާފައިނުވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އާއިލާ ބިނާ ކުރުމުގައި ހުރަސް އަޅާ މައްސަލަތައް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.
ގެވެށި އަނިޔާގެ ޝިކާރައަށް ވެގެން ގެނެވޭ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާނޫނު ނަގަހައްޓާ ފަރާތްތަކާއި، ޖުޑިޝަރީ އާއި، ޞިއްޙީ ޚިދުމަތްތައް ދޭ ފަރާތްތައް އަދި އިޖުތިމާޢީ ރައްކާތެރިކަން ފޯކޮށްދޭ ފަރާތްތައް އަހުލުވެރިވެފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ގޮތް ނިންމާ ފަންތިތަކުގައި އަންހެނުން ހިމެނޭ ނިސްބަތް މަދުވުމާއި، އަންހެނުންނާ މެދު ކުރާ އެންމެހާ ނޭދެވޭ ތަފާތުތައް ނައްތާލުމާބެހޭ މުޢާހަދާގެ ކޮމިޓީއަށް އެޗްއާރުސީއެމުން 2015 ވަނަ އަހަރު ހުށަހެޅި ރިޕޯޓްގެ ވާހަކަ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގައި އެޗްއާރުސީއެމް އިން ގޮވާލާފައިވަނީ އަންހެނުންގެ ބައިވެރިވުން ބަސްކިޔޭ ފެންވަރުގައި އިތުރުކޮށް، އަންހެނުންނަށް ވެސް ފުރުސަތު ދެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށެވެ.
އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލާ، އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކޮށް، އަންހެނުންނަށް ކުރާ އަނިޔާތައް ރިޕޯޓުކޮށް، އެފަރާތްތަކަށް ރައްކާތެރިކަންދީ، ސިއްހީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތައް ހަރުދަނާކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.